Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

"ސިއްރު ހެކި ނަގައި ބޭނުން ކުރަނީ ގާނޫނާ އެއްގޮތަށް"

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން - ފޮޓޯ: މުހައްމަދު ޝަރުހާން (ރާއްޖެއެމްވީ)

ޖިނާއީ ބޮޑެތި މައްސަލަތަކާއި އަދި އެނޫންވެސް ފުލުހުން ތަހްގީގު ކުރާ މައްސަލަ ތަކުގައި ސިއްރު ހެކި ނަގައި ބޭނުން ކުރަނީ ގާނޫނާއި އެއްގޮތަށްކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ކުރު ބްރީޕިންއެއްގައި ފުލުހުންގެ ތަރުޖަމާނު ސުޕުރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ފަހަކަށް އައިސް ފުލުހުން ނަގާ ސިއްރު ހެއްކާ ގުޅޭގޮތުން ރައްޔިތުން އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ނޫސް މަޖައްލާ ފަދަ ތަކެތި ބޭނުންކޮށްގެން މައުލޫމާތު ދެމުންދާ ކަމަށެވެ. އަދި އެކަން އެކުރާ ބަޔަކު ވަކި މަގުސަދެއްގައި ރައްޔިތުން އޮޅުވާލުމަށްކަމަށް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ސިއްރު ހެކި ބަސް ނަގައި ބޭނުން ކުރަނީ ހެކި ބަސްދޭ މީހާގެ ރައްކާތެރިކަމަށްކަމަށާއި އެމީހަކު ރައްކާތެރި ކުރުމަކީވެސް ފުލުހުންގެ ޒިއްމާއެއް ކަމަށެވެ.

"ފުލުހުންގެ ތަހުގީގުތަކުގައި ހެކިބަސްނަގަނީ އަދި ހެކިބަސް ހޯދަނީ އަދި ދައުވާ ކުރުމަށް ސިއްރުހެކި ހުށަހަޅަނީ ގާނޫނުތަކާއި ގަވާއިދުތަކުގައި އެކަން ކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި މިންގަނޑުގެ ތެރެއިން،" ޝިފާން ވިދާޅުވިއެވެ.

ޝިފާން މިފަދަ ބަޔާނެއް ދެއްވާފައި މިވަނީ ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސުއޫދު ރާއްޖޭގައި ކުރިމަގުގައި ސިއްރު ހެކި ޝަރީއަތްތަކުގައި ބޭނުން ނުކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައި ވަނިކޮށެވެ. ސުއޫދުގެ އިތުރުން ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއި ބައެއް އެހެނިހެން ސިޔާސީ ވެރިންވެސް ވަނީ ސިއްރު ހެކި ތައް ބޭނުން ކުރަނީ ސިޔާސީ މަގްސަދެއްގައިކަމަށް ވިދާޅުވެފައެވެ.