ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ ގިނަ މައްސަލަތަކެއް މިދިޔަ މަހު ޖެންޑާ އަށް ވަނީ ހުށަހެޅިފައެވެ. އެގޮތުން 108 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޖުމްލަ 188 މައްސަލަ އެ މިނިސްޓްރީއަށް ހުށަހެޅި ބަލާފައިވެއެވެ. މޭ މަހު ރިޕޯޓްކުރި މައްސަލަތަކުގެ ތެރެއިން 57 އިންސައްތަ މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ ޖިންސީ ހާނިކައިގެ މައްސަލަތަކެވެ. ޖިންސީ ހާނިއްކައިގެ 37 މައްސަލަ ހުށަހެޅިފައިވެއެވެ. އަދި ޖިސްމާނީ ހާނިއްކައިގެ 30 މައްސަލައަކާއި އިހުމާލުވުމުގެ 20 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހެޅިފައެވެ. މީގެ އިތުރުން ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ނުވަ މައްސަލައެއް ހުށަހެޅިފައިވެއެވެ.
ނަފްސާނީ ހާނިކައިގެ ހަ މައްސަލައެއް ހުށަހެޅިފައިވާ އިރު މީގެ އިތުރުން އެހެން ކުދިންގެ ފަރާތުން ބުލީ ގެ ޝިކާރައަކަށް ވުމާއި ފުރައްސާރައިގެ ފަސް މައްސަލައަކާއި ޖިންސީ ނާޖާއިޒު ފައިދާ ނެގުމުގެ މައްސަލައެއް ވަނީ މިދިޔަ މަހު ހުށަހެޅިފައެވެ.
ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކުރެވިފައިވާ އިތުރު މައްސަލަތަކުގެ ތެރޭގައި ކުޑަކުދިން ހައްގުތަކުން މަހުރޫމް ކުރުމުގެ ނުވަ މައްސަލައަކާއި އާއިލީ 26 މައްސަލައެއް ހިމެނެއެވެ. އަދިވެސް ކުށްކުރާ ކުދިންގެ ދެ މައްސަލައެއް މިދިޔަ މަހު ވަނީ ޖެންޑާ މިނިސްޓްރީއަށް ހުށަހެޅިފައެވެ. އޭގެ އިތުރުން ކުޑަކުދިންގެ އަހުލާގާއި ގުޅުން ހުރި އަށް މައްސަލަ ހުށަހަޅާފައިވާއިރު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 22 މައްސަލަ ވަނީ ހުށަހަޅާފައެވެ.
މަދުން ނަމަވެސް ރާއްޖެއިން ފެންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިނުލުމާއި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ހަތް މައްސަލައެއް މިދިޔަ މަހު ހުށަހެޅިފައިވެއެވެ. އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅޭ ހަ މައްސަލައެއް ވެސް ހުށަހެޅި ބަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.