Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޝައްވާލް މަހުގެ ހަނދު ބެލުން މިރޭ

ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ ބޭއްވުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން )(ޑީޖޭއޭ) އިން ނިންމައިފި އެވެ.

ޑީޖޭއޭ އިން މިއަދު ނެރުނު އިއުލާނެއްްގައި ބުނެފައި ވަނީ މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށްޓަކާ މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައި ކަމަށެވެ. އަދި އަތޮޅު ތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައި ކަމަށާއި މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ އެރަށެއްގެ ކައުންސިލްގެ އިދާރާ ނުވަތަ އެރަށެއްގެ އަވަށު އޮފީސް ހިންގުމާ ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައި ކަމަށެވެ.

ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 29 ރަމަޟާން 1439 ( 13 ޖޫން 2018 ) ވާ ބުދަ ދުވަހުގެ ހަވީރު 5.30 ން ފެށިގެން ޑީޖޭއޭ އާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ސިޓީކައުންސިލް އިދާރާ ތަކާއި، އަތޮޅުކައުންސިލް އިދާރާތައް އަދި ރަށުކައުންސިލްއިދާރާތަކާއި އެރަށެއްގެ އަވަށުއޮފީސްތައް ހުޅުވިފައި ހުންނާނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

ވީމާ، މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ރަށްރަށުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ނެތް ރަށެއްގައިނަމަ އެރަށެއްގެ ކައުންސިލްގެ އިދާރާއަށް ނުވަތަ އަވަށުއޮފީސް ތަކަށް ޙާޟިރުވެ ހަނދާބެހޭ މަޢުލޫމާތު ދެއްވުމަށް ޑީޖޭއޭ އިން ވަނީ އެދިފައެވެ.

ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި ، ދިއުމުގެ ޓެކްސީޚަރަދު ދޫކުރާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ޑިޕާޓްމެންޓުން ބުނެއެވެ.

މީގެ އިތުރުން ހަނދާއި ބެހޭގޮތުން ސާފުކުރުމަށް ބޭނުންވާ މަޢުލޫމާތެއް ވާނަމަ އެ ޑިޕާޓްމަންޓުގެ ނަންބަރު 3006258 3006259 ފޯނަށް ނުވަތަ ރަށްރަށުގައިނަމަ ގުޅުއްވާނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ މެޖިސްޓްރޭޓްނެތް ރަށެއްގައިނަމަ ގުޅުއްވާނީ އެރަށެއްގެ ކައުންސިލް އިދާރާ ނުވަތަ އަވަށުއޮފީހަށް ގުޅުމަށްވެސް އެ ޑިޕާޓްމަންޓުން އެދެއެވެ.