މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓްލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓް މިދިޔަ އާދިއްތަ ދުވަހުގެ ރޭ އާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އެ ލިސްޓަށް މިހާތަނަށް ލިބިފައިވަނީ އެންމެ ޝަކުވާއެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް އާއި ހަވާލާދީ "ވީނިއުސް" އިން ރިޕޯޓްކުރާ ގޮތުގައި ވޯޓާސް ލިސްޓަށް މިއަދުގެ ނިޔަލަށް ލިބިފައިވަނީ އެންމެ ޝަކުވާއެއް ކަމަށާއި އެއީ މަރުވެފައިވާ މީހަކު ލިސްޓްގައި އޮތް ކަމަށް ބުނެ ލިބިފައިވާ ޝަކުވާއެއް ކަމަށެވެ.
އީސީގެ ވެބްސައިޓާއި، އެސްއެމްއެސް މެދުވެރިކޮށް ވޯޓާސް ލިސްޓްގައި ނަން އޮތްތޯ މިހާތަނަށް 14800 މީހުން ޗެކް ކޮށްފައިވާ ކަމަށާއި އެ ލިސްޓް ބަލައި ޗެކް ކުރުން މުހިއްމު ވަނީ ލިސްޓްގައި ނަން ނެތް ބޭފުޅަކަށް އިންތިޚާބުގައި ވޯޓް ނުލެވޭނެތީ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.
މީގެ އިތުރުން އެންމެ ފަހު ވަގުތަށް މަޑުނުކޮށް ވޯޓާސް ލިސްޓްގައި ނަން އޮތްތޯ ބަލައި ޗެކް ކުރުމަށާއި ލިސްޓްގައި މައްސަލައެއް އުޅޭ ނަމަ އެ މައްސަލަތައް ސޯޝަލް މީޑިއާގައި ހާމަކުރުމުގެ ބަދަލުގައި ކޮމިޝަނަށް ޝަކުވާ ހުށަހަޅައިގެން މައްސަލަ ހައްލުކުރުމަށް އެދޭ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.
އަދި ވޯޓާސް ލިސްޓް އާންމުކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ މައުލޫމާތުތައް އަސްލަކަށް ބަލައިގެން ކަމަށާއި ނަމަވެސް ލިސްޓްގައި މައްސަލަ ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ޝަކުވާ ލިބުމުން އެކަމެއް ބެލުމަށްފަހު މައްސަލަ ހައްލުކޮށްދޭނެ ކަމަށެވެ.
ވޯޓާސް ލިސްޓްގައި މައްސަލައެއް އުޅޭ ނަމަ ޝަކުވާ ހުށަހަޅަން ޖެހެނީ މާލޭގައިނަމަ އިލެކްޝަންސް ކޮމިޝަނަށެވެ. އަދި ރަށްރަށުގައިނަމަ ރަށު ކައުންސިލްތަކަށެވެ.