ޚަބަރު

"ދިދަ އާއި ލޯގޯ ބަދަލު ކުރީ އެ ނޫން ގޮތެއް ނެތީމަ"

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު - ފޮޓޯ: ވީނިއުސް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ދިދައާއި ލޯގޯއަށް ބަދަލު ގެނައީ ސިޔާސީގޮތުން ކުރިއަށްދެވޭނެ އިތުރު އެއްވެސް ގޮތެއް ނެތުމުން ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު އާއި ހަވާލާދީ "ވީނިއުސް" އިން ރިޕޯޓްކުރާ ގޮތުގައި އެ ޕާޓީގެ ލޯގޯއާއި ދިދަ ބޭނުންކުރުން އިލެކްޝަންސް ކޮމިޝަނުން ހުއްޓުވާފައިވާ މައްސަލައަށް ޝަރުއީ ނިޒާމު މެދުވެރިކޮށް ހައްލެއް ހޯދުމަށް އަހަރު ދުވަސްވަންދެން ކުރެވުނު މަސައްކަތުން ނަތީޖާއެއް ފެނިފައި ނުވާ ކަމަށެވެ.

ސަމީރު ވިދާޅުވީ މިމަހުގެ 21 އަދި 22 ވަނަ ދުވަހު ޖުމްހޫރީ ޕާޓީގެ ޤައުމީ ޖަލްސާ ބާއްވާއިރު، ޕާޓީގެ ލޯގޯއާއި ދިދައެއް ނެތުމަކީ ވަރަށް ބޮޑު ނިކަމެތިކަމެއްކަމަށްވާތީ ދިދައާއި ލޯގޯއަށް އެންމެ ކުޑަގޮތަކަށް ބަދަލު ގެނެސްގެން ބޭނުންކުރެވޭނެ ގޮތެއް ހޯދީ ކަމަށާއި، އެކަން ޤައުމީ ހިންގާ ކޮމެޓީން ފާސްކޮށް އިލެކްޝަންސް ކޮމިޝަންގެ ލަފައަކަށްވެސް އެދުނު ކަމަށާއި، މިހާރު ބަދަލު ގެނެސްފައިވާ ގޮތަށް ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯ ބޭނުންކުރުމުގެ ހުއްދަ އެ ކޮމިޝަނުން ދީފައިވާ ކަމަށެވެ.

ސަމީރު ވިދާޅުވީ ޤައުމީ ހިންގާ ކޮމެޓީން ޖޭޕީގެ އައު ދިދައާއި ލޯގޯ ފާސްކޮށްފައިވާއިރު، އެކަން ކުރިއަށް އޮތް ޤައުމީ ޖަލްސާގައި އާންމުކުރައްވާނެ ކަމަށެވެ.

ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީން ބޭނުންކުރަމުން އައި ދިދައާއި ލޯގޯ ބަދަލުކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އެހެންނަމަވެސް ކުރިއަށް ދެވެން އޮތީ މިގޮތުން ކަމަށްވުމުން މިބަދަލު ގެންނަންޖެހުނީ ކަމަށެވެ.

ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީ ހުއްޓުވަން ބަޔަކު މަސައްކަތްކުރިނަމަވެސް އެކަން ކާމިޔާބުނުވާނެ ކަމަށެވެ.