ދުނިޔޭގެ ތަށްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް 2026 ވަނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވަން ފީފާގެ މެމްބަރުން ފާސްކޮށްފި އެވެ.
އެ މުބާރާތް ހޯސްޓް ކުރުމުގެ ބިޑް އުތުރު އެމެރިކާގެ ޤައުމުތަކުން ކާމިޔާބު ކުރީ މޮރޮކޯއާ ދެކޮޅަށް 134 ވޯޓް ހޯދައިގެންނެވެ. މޮރޮކޯ އަށް ލިބުނީ 65 ވޯޓެވެ.
ދެހާސް ސައްބީސް ވަނަ އަހަރުގެ މުބާރާތް ވެގެން ދާނީ އެހާތަނަށް ބޭއްވޭ އެންމެ ބޮޑު ވޯލްޑް ކަޕް މުބާރާތަށެވެ. އެ މުބާރާތުގައި ޖުމްލަ 48 ޓީމް ވާދަ ކުރާ އިރު، 34 ދުވަހުގެ ތެރޭގައި 80 މެޗު ކުޅެވިގެން ދާނެ އެވެ.
މެކްސިކޯ އާއި އެމެރިކާ އިން ވަނީ މީގެ ކުރިން ވެސް ވޯލްޑް ކަޕް ހޯސްޓްކޮށްފަ އެވެ. އެގޮތުން މެކްސިކޯ އިން 1970 އާއި 1986 ވަނަ އަހަރު ވޯލްޑް ކަޕް ހޯސްޓްކޮށްފައިވާ އިރު، އެމެރިކާ އިން ވޯލްޑް ކަޕް ހޯސްޓް ކުރީ 1994 ވަނަ އަހަރު އެވެ.
މިއީ އެއް ގައުމަށް ވުރެ ގިނަ ގައުމު ގުޅިގެން ވޯލްޑް ކަޕް ބާއްވާނެ ދެ ވަނަ ފަހަރެވެ. ކުރިން ބޭއްވީ 2002 ވަނަ އަހަރު ކޮރެއާ އާއި ޖަޕާނުގަ އެވެ.