ކުޅިވަރު

ސްޕެއިންގެ ކޯޗް މަގާމުން ވަކިކޮށްފި

ފީފާ ވޯލްޑް ކަޕް 2018 ފެށެން އެންމެ ދުވަހަކަށް ވެފައިވަނިކޮށް ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު، ޖުލެން ލޮޕެޓެގުއި މަގާމުން ވަކިކޮށްފި އެވެ.

ލޮޕެޓެގުއީ މަގާމުން ދުރުކުރުމަށް ފަހު ސްޕެއިންގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ ސްޕެއިންގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު އަލްބާޓް ސެލެޑެސް ހެޑް ކޯޗުގެ މަގާމަށް އައްޔަން ކޮށްފައެވެ.

ލޮޕެޓުގުއީ މަގާމުން ވަކިކުރީ ރެއާލް މެޑްރިޑްގެ އާ މެނޭޖަރުގެ މަގާމަށް އޭނާ އައްޔަން ކުރިތާ 24 ގަޑިއިރުވެސް ނުވަނީހެވެ. އޭނާ ރެއާލްއާއި ގުޅުމަށް އެއްބަސްވެފައިވަނީ ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ކަމުގެ މަގާމުގައި ހުރުމަށް ހެދި ކޮންޓްރެކްޓު އާކޮށްފައި ވަނިކޮށެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސްޕެއިން ނިކުންނާނީ ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލްއާ ދެކޮޅަށެވެ. ސްޕެއިންއަށް ވަނީ 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރުމަށް ފަހު ދުނިޔޭގެ ކުޅިވަރުގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ނުހޯދި، ހިތްދަތި ނަތީޖާތަކާ ކުރިމަތިލާން ޖެހިފައެވެ.

އެގޮތުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައި 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ވެސް ގްރޫޕް ސްޓޭޖު ފަހަނަޅައި ދެވިފައެއް ނުވެއެވެ.