ޚަބަރު

ޚުލާސާ ބަޔާނާއި ހުކުމާ ދެމެދަށް އެންމެ 5 މިނިޓް!

ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު އަދި ފަނޑިޔާރު އަލީ ޙަމީދުގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް އިއްވި އިރު މިއަދުގެ ޝަރީޢަތުގެ މަޖިލީހުން ވަރަށް ތަފާތު ކަމެއް ފެނިގެން ދިޔައެވެ. އެކަމަކީ މައްސަލައިގެ ޚުލާސާ ބަޔާނާއި ހުކުމާއި ދޭތެރޭ ނެގި ވަގުތެވެ.

މިއަދުގެ ޝަރީޢަތުގެ އަޑުއެހުމަށް ދިޔަ ނޫސްވެރިން ބުނާގޮތުގައި ޚުލާސާ ބަޔާން އިއްވުމަށްފަހު އަޑުއެހުން މެދު ކަނޑާލި ކަމަށެވެ. އެއީ އެންމެ 5 މިނިޓަށެވެ.

އެއަށްފަހު ގާޒީ ހަސަން ނަޖީބު އަޑުއެހުން ފެއްޓެވުމަށްފަހު އިއްވެވީ މައްސަލައިގެ ހުކުމެވެ. ރައީސް މައުމޫނާއި ފަނޑިޔާރުން ވެސް ތިއްބެވީ ހުކުމް އިއްވުން އަވަސް ކަމުން ހައިރާންވެ ވަޑައިގެންފައެވެ.

ރާޢްޖޭގެ ސިޔާސީ ފަރާތްތަކާއި ދެކޮޅަށް ކުރެވޭ ޝަރީޢަތްތަކުގައި އަބަދުވެސް ޤާނޫނީ ދާއިރާގެ ބޭފުޅުންގެ ވިދާޅުވާ ގޮތުގައި "އާދަޔާ ޚިލާފު ކަންތައް" ހިނގައެވެ. އެންމެ 5 މިނިޓްގެ ތެރޭގައި މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް އިއްވި ހުކުމަކީ ވެސް އެފަދަ ކަމަކަށް ވާނެއެވެ.