ޚަބަރު

ނަޝީދުގެ ކެމްޕޭން އިފްތިތާހު ކުރުން ފަސްކޮށްފި

އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން "ޖަޒީރާ ރައީސް" ރަސްމީކޮށް އިފްތިތާހު ކުރުމަށް މިރޭ ބޭއްވުމަށް ނިންމާފައިވާ ބޮޑު ޖަލްސާ ފަސްކޮށްފިއެވެ.

އެމްޑީޕީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައި ރާއްޖޭގެ ކްރިމިނަލް ކޯޓުގައި އެއްވެސް އުޞޫލެއް، ހަމައެއް، ލަމައެއް ނެތި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ މައްޗަށް ހިންގަމުން ދިޔަ ޝަރީޢަތް ނިންމައި، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމުގެ މައްޗަށް ބޭއިންސާފުން ޙުކުމް ކުރެވުމުން، މިރޭ ބޭއްވުމަށް ނިންމާފައިވާ މިޕާޓީގެ ރިޔާސީ ކެމްޕޭން އިފްތިތާޙްކުރުމުގެ ޖަލްސާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންނެވުމާ ގުޅިގެން، 14 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ ރެއަށް ފަސްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ކެމްޕެއިން ލޯންޗުކުރުމަށް މާދަމާރޭ ރާއްޖޭގެ ބޮޑު ހަތް ރަށެއްގައި އެއްފަހަރާ ޖަލްސާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައި ވަނީ މިއަދު މެންދުރުފަހު އެވެ.