ޚަބަރު

ނާޒިމްގެ މައްސަލަ އަލުން ސުޕްރީމް ކޯޓަށް

ކްރިމިނަލް ކޯޓުގައި އޮތް އަޑު އެހުމަކަށް ނާޒިމް ކޯޓަށް ވަދެވަޑައިގަންނަވަނީ. ފޮޓޯ: ވީނިއުސް

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ މައްޗަށް އިއްވި ހުކުމް އަނެއްކާ ވެސް ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރީ މި ހަފްތާގެ ތެރޭގައެވެ. އެހެން ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތް ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.

މިއީ ކާނަލް ނާޒިމްގެ މައްޗަށް އިއްވި ހުކުމްގެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރާ ދެވަނަ ފަހަރެވެ. 2016 ވަނަ އަހަރުގެ ތެރޭގައި ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން އެ މައްސަލަ ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

ކާނަލް ނާޒިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ ދިވެހި ރާއްޖޭގެ ޖިނާޢީ އަދުލުގެ ނިޒާމުގައި އަމަލުކުރާ ގޮތާއި ދިމާ އިދިކޮޅަށެވެ. ޖިނާއީ ދައުވާ ތަކުގައި ކުށް ސާބިތުކުރުމަކީ ދައުލަތުގެ ޒިންމާއެއް ނަމަވެސް ނާޒިމްގެ މައްސަލައިގައި އެކަން ދައުލަތަށް ކުރެވިފައެއް ނުވެއެވެ.

އެހެން ނަމަވެސް ނާޒިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ، ނާޒިމްގެ ކޮޓަރިކޮޅުން ފެނުނު ކަމަށް ބުނާ ހަތިޔާރަކީ އޭނާގެ އެއްޗެއް ނޫންކަން ސާބިތުކޮށް ދެވިފައި ނުވާ ކަމަށް ބުނެއެވެ.

ނާޒިމް ޖަލުގައި ހުކުމް ތަންފީޒް ކުރަމުން ގެންދާތާ 2 އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން 2017 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހްމަދް އަދީބް ވަނީ ނާޒިމްގެ އެޕާޓްމަންޓުން ފެނުނު ހަތިޔާރަކީ ނާޒިމްގެ އެއްޗެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއެއްގައި އަދީބު ވިދާޅުވެފައި ވަނީ އެކަން ހިނގިގޮތް އެބޭފުޅާއަށް އެނގިވަޑައިގަންނަވާ ކަމަށާއި ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާއި ތިން ވަޒަނުގެ ހަގީގަތް ހާމަކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ އެކަމުގެ ތަފްސީލު ހާމަ ކުރައްވާނެ ކަމަށެވެ.