މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު، އަންވަރު އިބްރާހީމާއި ދިވެހި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ ބައްދަލު ކުރައްވައިފިއެވެ.
ލައިލާ އަންވަރާއި ބައްދަލު ކުރެއްވީ އިނގިރޭސި ވިލާތުގައެވެ. މި ބައްދަލުވުމުގައި ލައިލާ ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައި ޚިޔާލު ބަދަލުކުރައްވާފައެވެ.
ލައިލާ އަންވަރާއި ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވާފައިވާއިރު ފިރިކަލުން ނަޝީދު މިވަގުތު ހުންނެވީ ލަންކާގައެވެ. ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ބައިވެރިވެ، ޖަޒީރާ ރައީސްގެ ނަމުގައި ރިޔާސީ ކެމްޕޭނުވެސް ފައްޓަވާފައެވެ.
އަންވަރު އިބްރާހިމް ޖަލުން މިނިވަން ކޮށްފައިވަނީ ބޮޑުވަޒީރު ކަމާއި ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު ހަވާލުވުމަށް ފަހު ރަސްގެފާނު މައާފް ދެއްވުމުންނެވެ. އަންވަރު ވަނީ ޑރ. މަހާތީރުގެ ވެރިކަމުގައި ވެސް ޖަލަށް ލާފައެވެ. އަންވަރުގެ ދަރިކަނބަލުން ނޫރުލް އިއްޒާ ވަނީ ކުރީގެ ރައީސް ނަޝީދުގެ ސިޔާސީ ހަޔާތްޕުޅުން އަންވަރު ފިލާވަޅު ހޯއްދަވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ލައިލާ ގެ އިތުރުން ކުރީގެ ނައިބު ރައީސް، ޑރ. ޖަމީލް ވެސް ވަނީ އަންވަރާއި ބައްދަލުކުރައްވައި، ރާއްޖޭގެ ސިޔާސީ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.