Last Updated: June 11, 20:32
Thursday, June 11, 2026
ޚަބަރު

އިންތިޚާބު އިންސާފުވެރި ވާނެ ކަމަކަށް ނުބެލެވޭ: އިންޑިޔާ

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ ޝަރީއަތް ކުރިއަށް ދިޔަ ގޮތުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު މިނިވަން ކަމާއެކު ބޭއްވިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް އަވަށްޓެރި އިންޑިޔާއިން ބުނެ، ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިއްޔެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަސް ދުވަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރުމާއި ގުޅިގެން އިންޑިޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެބޭފުޅުންގެ ޝަރީއަތް ހިނގާފައިވަނީ އިންސާފުން ކަމަށް ނުބެލެވޭ ކަމަށެވެ.

އަދި އެ ބޭފުޅުންގެ ޝަރީއަތް ނިމިގެން ދިޔަ ގޮތަށް ބަލާއިރު ދިވެހި ސަރުކާރުން ގާނޫނު ނަގަހައްޓާނެ ކަމާމެދު ޝައްކު އުފެދިފައިވާ ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ. ޝަރުއީ ކޯޓުތަކާއި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާ ތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ފޯރު ކޮށްދިނުމަށް ތަކުރާރުކޮށް ގޮވާލާ ކަމަށް މިބަޔާނުގައި ވެއެވެ.

އަދި ޖަލުގައި ބަންދުކޮށްފައިވާ ސިޔާސީ ފަރާތްތަކުން މިނިވަންކޮށް، މިނިވަން އިންތިޚާބަކަށް ފުރުސަތު ދިނުމަށް އިންޑިޔާއިން ވަނީ ދިވެހި ސަރުކާރަށް ގޮވާލާފައެވެ.