Last Updated: June 11, 20:32
Thursday, June 11, 2026
ޚަބަރު

ޑިމޮކްރަސީ ދިފާއު ކުރުމުގެ އެވޯޑެއް މަހޭ އަށް

ބައިނަލް އަގުވާމީ ގާނޫނު ހަދާ މަޖިލިސްތަކާ ބެހޭ ޖަމިއްޔާ، ޕާލަމެންޓޭރިއަންސް ފޮ ފްލޯބަލް އެކްޝަން(ޕީޖީއޭ) އިން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް ޑިމްކޮރަސީ ދިފާއުކުރުމުގެ އެވޯޑެއް އެރުވުމަށް ނިންމައިފިއެވެ.

އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއަށް މަހްލޫފް ކޮށްފައިވާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އަރުވާ މިއެވޯޑު މަހްލޫފަށް އެރުވުމަށް ހަމަޖެހިފައިވަނީ މިއަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ޔުކްރެއިންގެ ކިއެވްގައި ބާއްވާ ހަފުލާއެއްގައެވެ.

އެ ރަސްމިއްޔާތަކީ ދުނިޔޭގެ 50 ގައުމެއްގެ 120 މެމްބަރުން ބައިވެރިވާނެ ރަސްމިއްޔާތެކެވެ. ނަމަވެސް މަހްލޫފާ ދެކޮޅަށް ބަލަމުންދާ މައްސަލައަކާ ގުޅިގެން ގޭބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރަމުންދާތީ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރާއްޖެއިން ބޭރަށް ފުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ނުބެލެވެއެވެ.

މަހްލޫފް ވަނީ ދެ މައްސަލައެއް ސާބިތުވެ 10 މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކޮށްފައެވެ. އަނެއްކާވެސް އިތުރު މައްސަލަތަކެއް އޭނާއާ ދެކޮޅަށް އުފުލާފައިވާއިރު މަހްލޫފްގެ ދިފާއީ ވަކީލުން ބުނެފައިވަނީ އެއީ އޭނާ ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ސަރުކާރުން އުފުލާފައިވާ ސިޔާސީ ދައުވާތަކެއް ކަމަށެވެ.

އަދި ދައުވާ އުފުލައި އުމުރު ދުވަހަށް ޖަލަށް ލާން ހުކުމް ކުރިޔަސް ފަހަތަށް ނުޖެހޭނެ ކަމަށް މަހްލޫފް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.