ސައުދި އަރަބިއާގެ ޕަބްލިކް ސެކްޓަރ ގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް 16 ދުވަހުގެ އީދު ބަންދެއް ދިނުމަށް އެޤައުމުގެ މިނިސްޓްރީ އޮފް ސިވިލް ސަރވިސް އިން ކަނޑައަޅައިފި އެވެ.
އެގޮތުން ޗުއްޓީ ދޭ މުވައްޒަފުންގެ ތެރޭގައި އެޤައުމުގެ ރައްޔިތުކަން އޮންނަ މުވައްޒަފުންގެ އިތުރުން ސަރުކާރުގެ ވަޒީފާތައް އަދާކުރާ ބިދޭސީ މުވައްޒަފުން ވެސް ހިމެނެއެވެ.
އެހެންނަމަވެސް ސަރުކާރަށް މަސައްކަތްކުރި ކަމުގައިވިޔަސް، ސީދާ ސަރުކާރުގެ ވަޒީފާއެއް އަދާނުކުރާ މުވައްޒަފުންނަށް މި ޗުއްޓީއެއް ނުލިބޭނެ އެވެ.
މީގެ އިތުރުން ސައުދި އަރަބިއާގެ ސަލާމަތީ ބާރުތަކާއި ޑޮކްޓަރުންނާއި ހެލްތު މިނިސްޓްރީގެ އެހެނިހެން މުވައްޒަފުންނަށް ވެސް މި ޗުއްޓީ ނުލިބޭނެ އެވެ. އެހެންނަމަވެސް އީދު ބަންދުގައި އެފަރާތްތައް ކުރާ މަސައްކަތަށް ރަނގަޅު އުޖޫރައެއް ދޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ސައުދީގެ ބޭންކިން ސެކްޓަރގައި މަސައްކަތް ކުރާ ފަރާތްތަކަށް އީދު ޗުއްޓީ ލިބޭނީ 13 ޖޫން އިން 24 ޖޫންގެ ނިޔަލަށެވެ.
އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އީދު ޗުއްޓީގެ މުއްދަތު ކަނޑައަޅާނީ ވަކިވަކި ކުންފުނިތަކުންނެވެ.
އެހެންނަމަވެސް ސައުދި އަރަބިއާގެ ވަޒީފާއާއި ބެހޭ ޤާނޫނުގައި ބުނާގޮތުން ރަމަޟާން މަހުގެ 30 ވަނަ ދުވަހުން ފެށިގެން ފިތުރު އީދުގެ ހަތަރު ދުވަހުގެ ބަންދަކާއި ޛުލްހިއްޖާ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން އަޟްހާ އީދުގެ ހަތަރު ދުވަހުގެ ބަންދެއް މުވައްޒަފުންނަށް ދިނުމަކީ ކުންފުނިތަކަށް މަޖުބޫރު ކަމެކެވެ.