ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓްލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓް މިދިޔަ އާދިއްތަ ދުވަހުގެ ރޭ އާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އެ ލިސްޓުގައި މައްސަލަތައް އެބަހުރި ކަމަށާއި ޝަކުވާ ހުށައެޅުމުގައި ދަތިތައް ކުރިމަތިކޮށްފައިވާ ކަމުގައި އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު ޢަލީ ނިޔާޒު ވިދާޅުވީ، ވޯޓާސް ލިސްޓު ތައްޔާރުކޮށްފައި އޮތީ އޮޅުވާލުންތައް އޮޅުވާލުމަށް މަގުފަހިވާނެ ގޮތަށް ކަމަށެވެ. އަދި އުމުރު ހަމަނުވާ ކުދިންގެ ނަންތަކާއި، މަރުވެފައިވާ މީހުންގެ ނަންތައްވެސް އެ ލިސްޓުގައި އެބަހުރި ކަމަށާއި ޝަކުވާ ހުށައަޅާއިރު އައިޑީކާޑު ނަމްބަރުގައި މައްސަލައެއް އުޅޭނަމަ ހުށައެޅުމަށް އިލެކްޝަންސް އިން ބުނާއިރު އައިޑީކާޑު ނަމްބަރު ލިސްޓުގައި ނުވެސް ނެތް ކަމަށެވެ.
ވޯޓާސް ލިސްޓުގެ ސައްހަކަން ކަށަވަރު ކުރެވޭ އެންމެ މުހިންމު ވަސީލަތަކީ އައީޑީކާޑު ނަމްބަރު ކަމަށާއި އެ މައުލޫމާތު ނެތް ނަމަ އެކަންކަން ކަށަވަރު ކުރަން އުނދަގޫ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އައިޑީކާޑުގެ ނަމްބަރު ނުބައިކޮށް އޮވެއްޖެ ނަމަ އެ ޝަކުވާ ކޮމިޝަނަށް ހުށަހަޅަން އެ ކޮމިޝަނުން އެދިފައި ވިޔަސް، އެ މައުލޫމާތު އާންމު ނުކުރަނީސް އެކަން ނުކުރެވޭނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
އަލީ ނިޔާޒު ވިދާޅުވީ، އިންތިޚާބު ދެފުށްފެންނަ ގޮތަށް ކުރިއަށްގެންދަން ބޭނުން ނަމަ އައިޑީކާޑު ނަމްބަރާއި އެކު ލިސްޓު އާއްމު ކުރަންޖެހޭ ކަމަށެވެ. އަދި ޕާޓީއަށް އެމައުލޫމާތު ދިނުމަށް އެދުމުންވެސް ކޮށްފައި ވަނީ ޖެއްސުން ކަމުގައި އަލީ ނިޔާޒު ވިދާޅުވިއެވެ.
އަލީ ނިޔާޒު ވިދާޅުވީ ވޯޓާސް ލިސްޓުގައި މަރުވެފައިވާ މީހުންގެ ނަންތައް ހުރި އިރު އިސްލާހު ގެނައުމަށް ޝަކުވާ ހުށައަޅާއިރު، އެމީހެއްގެ މަރުފޯމް ހުށައަޅަން ޖެހޭ ކަމަށެވެ. އަލީ ނިޔާޒު ވިދާޅުވީ މަރުވެފައިވާތާ އެތައް އަހަރެއްވީ މީހެއްގެ މަރުފޯމް ހުށައެޅުމަކީ ފަސޭހަ ކަމެއް ނޫންކަމަށާއި އެއަށް ވުރެ ފަސޭހަގޮތެއް އެކަމަށް އޮންނަން ޖެހޭ ކަމަށެވެ.
ވޯޓާސް ލިސްޓުގައި މަރުވެފައިވާ ބައެއް މީހުންގެ ނަންތައް ހުރިކަން ސާބިތުވެފައި ވާއިރު، އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބުނެފައި ވަނީ ވޯޓާސް ލިސްޓަށް މިހާތަނަށް ހުށައެޅިފައި ވަނީ އެންމެ ޝަކުވާއެއް ކަމަށެވެ.