Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ނޮބެލް ޕީސް ޕްރައިޒަށް ޓްރަމްޕް ނޮމިނޭޓްކޮށްފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް-އުން އާއެކު ބޭއްވި ތާރީޚީ ބައްދަލުވުމަށްފަހު ނޯވޭގެ ދެ ސިޔާސީ ލީޑަރުން އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް ނޮބެލް ޕީސް ޕްރައިޒް އަށް ނޮމިނޭޓްކޮށްފި އެވެ.

ނޯވޭގެ ޕްރޮގްރެސް ޕާޓީ އަށް ނިސްބަތްވާ ކްރިސްޓިއަން ޓައިބްރިންގް-ޖެޑް އާއި ޕާ-ވިލީ އެމަންޑްސެން ބުނީ އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ އާއި ދެމެދު ސުލްޙަ ޤާއިމްކުރުމުގައި ޓްރަމްޕްގެ ވަރަށް ބޮޑު ހިއްސާއެއް ވާ ކަމަށެވެ.

މީގެ ކުރިން ވެސް މި އަހަރުގެ މެއި މަހު އެމެރިކާގެ ބައެއް ސިޔާސީ ފަރާތްތަކުން ވެސް ވަނީ ޓްރަމްޕް ނޯބެލް ޕީސް ޕްރައިޒް އަކަށް ނޯމިނޭޓް ކޮށްފައެވެ.

މި އެވޯޑަށް މީހުން ހޮވުމުގެ މަރުހަލާތައް ކުރިއަށްދާނީ ނޯވޭގައެވެ. އަދި ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީގެ ކުރިން ހުރިހާ ނޯމިނޭޝަންތަކެއް ނޮބެލް ކޮމެޓީ އަށް ފޮނުވަން ޖެހޭނެ އެވެ.

އެހެންކަމުން ނޯވޭ އާއި އެމެރިކާގެ ސިޔާސީ ފަރާތްތަކުގެ ތަރުހީބާއެކު ޓްރަމްޕް އަށް ލިބުނު ނޯމިނޭޝަން ހިމެނިގެންދާނީ އަންނަ އަހަރުގެ އެވޯޑަށެވެ.

މި އެވޯޑް ލިބޭ ފަރާތްތައް ކޮންމެ އަހަރަކު ވެސް އިއުލާންކުރަނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ފުރިހަމަ ހަފްތާގެ ހުކުރު ދުވަހު އެވެ.