އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުވެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމްކުރުމާއި ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.
ރައީސް މައުމޫންގެ މައްޗަށް މިދައުވާ އުފުލީ މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ އެމަނިކުފާނު ހައްޔަރުކުރުމަށްފަހު ފޯނު ދޭން އެދުމުން ފޯން ދިނުމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އެވެ.
ރައީސް މައުމޫން މާފުށި ޖަލަށް ބަދަލުކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެންދިޔައީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ކުއްލި ޙާލަތު އިއުލާންކުރުމަށްފަހު ރައީސް މައުމޫންގެ ގެކޮޅަށް ގަދަބާރުން ވަދެ ހައްޔަރު ކުރުމަށްފަހު އެމަނިކުފާނު ކުޑަ ދުވަސްކޮޅަކަށް މާފުށި ޖަލުގައި ބެހެއްޓެވި ނަމަވެސް ގިނަ ދުވަސްތައް ހޭދަކުރައްވާފައިވަނީ ދޫނިދޫ ޖަލުގަ އެވެ.
އިއްޔެ ހުކުމް އިއްވަވަމުން ގާޒީ ވަނީ އެމަނިކުފާނަށް ދީފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދަ އާއި ދީނީ ފަތަވާ ދިނުމުގެ ހުއްދަވެސް ބާތިލުކޮށްފައެވެ. ނަމަވެސް މިއީ ދައުލަތުން ކުރި ދައުވާގައި ހިމެނޭ ކަމެއް ނޫންކަން ފާހަގަކޮށްލެވެއެވެ.
ރިޝްވަތު ނަގައިގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ރައީސް މައުމޫންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފަ އެވެ. ނަމަވެސް ރައީސް މައުމޫން ގެންދަވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރައްވަމުންނެވެ.