Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އެމެރިކާއިން ވެސް އިންތިޚާބާ މެދު ސުވާލު އުފައްދައިފި

ރާއްޖޭގައި ބޭއްވުމަށް ތައްޔާރު ވަމުންދާ ރިޔާސީ އިންތިޚާބާ މެދު އެމެރިކާއިން ވެސް ސުވާލު އުފައްދައިފިއެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ބުދަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ސަބަބުން، ޤާނޫނީ ވެރިކަމެއް ކުރުމަށް ސަރުކާރުގެ އިހްލާސްތެރިކަން ހުރި މިންވަރާއި މެދު ސުވާލު އުފެދިއްޖެ ކަމަށް އެމެރިކާއިން ބުނެފިއެވެ. އަދި އެ ހުކުމުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ސައްހަކަމާއިމެދު ސުވާލު އުފެދޭނެކަމަށް ވެސް އެމެރިކާއިން ބުނެފިއެވެ.

ރައީސް މައުމޫނާއި ދެ ފަނޑިޔާރުންގެ މައްޗަށް ކޮށްފައިވާ ހުކުމާއިމެދު ކަންބޮޑުވާ ކަމަށް ބުރާސްފަތި ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި އެބޭފުޅުންގެ މައްޗަށް ހުކުމް ކޮށްފައިވަނީ ވަކީލުންގެ ހައްޤާއި ދިފާޢީ ހެކި ހުށަހަޅަން ފުރުސަތު ލިބިވަޑައިނުގެން ތިއްބަވާ ކަމުގައިވެސް އެމެރިކާގެ އެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް މައުމޫނާއި ދެ ފަނޑިޔާރުންގެ މައްޗަށް ކުރި ހުކުމުގެ ސަބަބުން ޤާނޫނުގެ ވެރިކަން ހިންގުމަށް ދިވެހި ސަރުކާރުގެ އިޚްލާސްތެރިކަމާއިމެދު އެ ބަޔާނުގައި އެމެރިކާއިން ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިންސާފުވެރި މިނިވަން އިންތިހާބަކަށް ވާނެކަމާއި މެދުވެސް އުވާލު އުފެދޭކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ލީޑަރުން މިނިވަން ކުރުމަށާއި ޕާޓީތަކުން ކަނޑައަޅާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ދިނުމަށާއި ހައްޤުތައް ކަށަވަރުކޮށް ދިނުމަށާއި ޝަރުއީ ނިޒާމު މިނިވަން ކުރުމަށާއި މިނިވަންކަމާއި އެކު ކެމްޕެއިން ކުރުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ދިނުމަށްވެސް އެމެރިކާގެ ބަޔާނުގައި ސަރުކާރަށް ގޮވާލާފައި ވެއެވެ.

މިދިޔަ ބުދަ ދުވަހު އަދުލު އިންސާފު ޤާއިމް ކުރުމަށް ހުރަސް އެޅިކަމަށް ބުނެ މައުމޫން އާއި ދެ ފަނޑިޔާރުންގެ މައްޗަށް ކުރި ދައުވާއާއި ގުޅިގެން ތިން ބޭފުޅުން އެއް އަހަތާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.