Last Updated: June 6, 13:44
Saturday, June 6, 2026
ޚަބަރު

"އިންޑިޔާ އާއި ރާއްޖޭގެ ގުޅުން ގޯސްވަނީ މޯދީގެ ސަބަބުން"

އިންޑިޔާ އާއި ދިވެހިރާއްޖޭގެ ގުޅުން ގޯސްވެފައިވަނީ އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގެ ފޮރިން ޕޮލިސީގެ ސަބަބުން ކަމަށް އިންޑިއާގެ އިދިކޮޅު ޕާޓީގެ ރައީސް ރާހުލް ގާންދީ ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ކޮންގްރެސް ޕާޓީގެ ރައީސް ރާހުލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މޯދީގެ ސަރުކާރުގެ ފޮރިން ޕޮލިސީގެ ސަބަބުން ޒަމާނުއްސުރެ ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުން ގޯސްވެފައިވާ ކަމަށެވެ.

އަދި މިކަން މިގޮތަށް ދިމާވެފައި ވަނީ ރާހުލް ތުހުމަތު ކުރެއްވި ގޮތުގައި "އެއްވެސް އެޖެންޑާއެއްނެތި ފޮޓޯ ނެގުމުގެ ބޭނުމުގައި ބާއްވާ ބައްދަލުވުންތަކުގެ" ސަބަބުންނެވެ.

ރާހުލްގެ ޓްވީޓްގައި ވަނީ އިންޑިއާގެ ރައްޔިތުންނަށް ރާއްޖެއިން ވޯކް ވިސާ ނުލިބޭތީ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ރާހުލް ވިދާޅުވީ، އިންޑިއާ ރައްޔިތުންނަށް ރާއްޖެއިން ވިސާ ހޯދުމަށް އުނދަގޫ ވެފައި ވާއިރު އެކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.