Last Updated: May 1, 20:45
Wednesday, May 1, 2024
ރިޕޯޓް

ލައިޓް އަޕޮން ލައިޓް އެމްވީ: ބޭރުގައި ހަބޭސް ދިވެހިންތަކެއް

ރޮހިންޔާ މުސްލިމުންނަށް އީދުގެ ކުރިން ސަދަގާތް ދެނީ - ފޮޓޯ : ލައިޓް އަޕޮން ލައިޓް

"ލައިޓް އަޕޮން ލައިޓް އެމްވީ"ގެ ވާހަކަ ފަށަން ޖެހެނީ މެލޭޝިޔާގައި ކިޔަވަން އުޅޭ ދިވެހި ޒުވާންނުންތަކެއް ނަމާދު ގަޑި އަންގައި ދިނުމަށް ހެދި ވައިބަރ ގްރޫޕަކާއި ހިސާބުންނެވެ. އެ މަސައްކަތް ފުޅާވެ މިއަދު އެ ޒުވާނުންނަކީ މެލޭޝިޔާގައި ދިރިއުޅޭ ރޮހިންޔާގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުޅާދާއިރާގެ މަސައްކަތް ކުރާ ބައެކެވެ.

ހަމައެކަނި ނަމާދު ވަގުތު މެލޭޝިޔާގެ ނިލާއީގައި ދިރިއުޅެމުން ދިޔަ ކިޔަވާ ކުދިންނަށް ފޯރުކޮށްދިން ނަމަވެސް ވަކި ހިސާބަކުން ދީނީ ދަރުސްތައް ވެސް ރާވަން ފެށިއެވެ. އެމަސައްކަތް ފެށީ މެލޭޝިޔާގައި އޭރު ދިރިއުޅުއްވަމުން ދިޔަ ރާއްޖެއަށް ނިސްބަތްވާ ޝެއިޚުންގެ އެހީތެރިކަން ހޯދައިގެންނެވެ.

"ލައިޓް އަޕޮން ލައިޓް އެމްވީ" އިން ވާހަކަ ދެއްކި އިސްމާއީލް ހާތިމް ވަޖީޙް ބުނާ ގޮތުގައި އެމީހުންގެ މަސައްކަތް ކާމިޔާބު ކަމާއި އެކު ގެންދިއުމަށް އެންމެ ބޮޑު އިރުޝާދެއް ލިބިގެން ދަނީ ޝެއިޚް އާދަމް ނިޝާންގެ ފަރާތްޕުޅުންނެވެ.

މެލޭޝިޔާގައި ދިރިއުޅޭ ރޮހިންޔާގެ ރެފިއުޖީންތަކެއް. އެމީހުންނަށް ކޮންމެ އަހަރަކު ވެސް ލައިޓް އަޕޮން ލައިޓްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭ.

"ޝެއިޚް އަޅުގަނޑުމެންނަށް ކުރިއަށް ގެންދާނެ ގޮތް ކިޔައި ދެއްވާ. އަސްލު ހަގީގަތުގައި ހުރިހާ ހަރަކާތެއް ވިލަރެސް ކުރުމުގައި ޝެއިޚްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު." ޙާތިމް ވަޖީޙް ބުންޏެވެ.

ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ މަސައްކަތުގެ ތެރެއަށް "ލައިޓް އަޕޮން ލައިޓް އެމްވީ" އަށް ދެވުނީ ޝެއިޚް އާދަމް ނިޝާންގެ އެހީތެރިކަމާއި އެކު އެބޭފުޅާގެ އިސްނެންގެވުމުގެ މަތިންނެވެ.

ޝެއިޚް އާދަމް ނިޝާންގެ އިތުރުން ވެސް މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންގެ ފަރާތުން ވެސް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް ހާތިމް ބުންޏެވެ.

ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ މަސައްކަތް 2015 ވަނަ އަހަރުގެ ތެރޭގައި ފެށުމުގެ މާ ކުރިން ވެސް ޝެއިޚް އާދަމް ނިޝާން ވަނީ "ލައިޓް އަޕޮން ލައިޓް އެމްވީ" ގެ ބައިވެރިންނާއި އެކު އެ ޚިޔާލު މަޝްވަރާކޮށްފައެވެ.

"ކުރިން ވެސް ޝެއިޚް އާއި މަޝްވަރާކޮށްފައި އޮތީ ދީނީ ކަންކަން ކުރަން. ދަރުސް އަދި އެއިޑް ކެމްޕެއިން ހިންގަން ކޮންމެވެސް ކަހަލަ ޕްލެޓްފޯމެއް ހަދަން" ޙާތިމް ބުންޏެވެ.

މެލޭޝިޔާގައި ދިރިއުޅޭ ރޮހިންޔާގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި "ލައިޓް އަޕޮން ލައިޓް އެމްވީ"ގެ ބައިވެރިން ހަރަކާތްތެރިވަމުން އަންނައިރު ރާއްޖޭގައި ތިބި ބައެއް ފަރާތްތަކުން ރޮހިންޔާ މުސްލިމުންނަށް ވެދޭ އެހީތައް ވެސް ރައްދުކޮށްދެއެވެ. މި ހުރިހާ މަސައްކަތެއް ކުރަނީ ހިލޭ ސާބަހަށެވެ.

ރޮހިންޔާ މުސްލިމުންނަށް ލައިޓް އަޕޮން ލައިޓްގެ މެންބަރުން އީދުގެ ކުރިން ސަދަގާތް ދެނީ – ފޮޓޯ : ލައިޓް އަޕޮން ލައިޓް

މީގެ އިތުރުން މިއަހަރުގެ ރަމަޟާން މަހު ވެސް މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަކޮށް ކޮންމެ ހަފްތާ ބަންދެއްގައި "ލައިޓް އަޕޮން ލައިޓް އެމްވީ"ގެ ފަރާތުން ދީނީ ދަރުސްތައް އިންތިޒާމްކުރިއެވެ.

ފުލްޓައިމް ކޯސްތަކުގައި ބުރަކޮށް ކިޔަވަމުން "ލައިޓް އަޕޮން ލައިޓް އެމްވީ"ގެ މެންބަރުން މިކުރާ މަސައްކަތަކީ ހަގީގަތުގައި ވެސް ތައުރީފް ހައްގު މަސައްކަތެކެވެ. އަމިއްލަ ޤައުމުން ބޭރުގައި ވެސް ތަފާތު ދެއްކިދާނެއެވެ. އެހެން މީހުންނަށް އެހީތެރިވުމަށް ބޭނުންވަނީ، ތިމާގެ އިންސާނިއްޔަތު ކަމެވެ.

ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބު ކަމާއި އެކު ހިންގި ޕްރޮގްރާމްތަކާއި އެކު "ލައިޓް އަޕޮން ލައިޓް އެމްވީ"ގެ ހުރިހާ މެންބަރުން ތިބީ ހުއްޓުމެއް ނެތި އެ މަސައްކަތުގައި ކުރިއަށް ދިއުމަށް ތައްޔާރަށެވެ.

"ދިވެހި ޒުވާނުން ކުދިންތަކެއް މިކަމުގައި އުޅޭތީ ވަރަށް އުފާވޭ. މިއީ ހަގީގަތުގައި ރާއްޖޭގެ ޒުވާނުންނަށް ވަރަށް ރީތި މިސާލެއް. ޚާޢްސަކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ޒުވާނުންނަށް."

ޒަމާނުއްސުރެ ދިވެހިންނަކީ ހިތްހެޔޮ ބައެއްގެ ގޮތުގައި އޮތް އޮތުން އަދިވެސް އެގޮތުގައި އެބައޮތް ކަމާއި އެކަން އޮތީ ހަމައެކަނި ރާއްޖޭގައި ނޫންކަން "ލައިޓް އަޕޮން ލައިޓް އެމްވީ"ގެ ބައިވެރިން ސާބިތިކޮށްދީފިއެވެ. "ލައިޓް އަޕޮން ލައިޓް އެމްވީ"ގެ މެންބަރުން ދިވެހިންގެ ހިތްހެޔޮކަން ރާއްޖޭގެ އަސްދަނޑިން ބޭރަށް ގެންގޮސް ދީފިއެވެ.

"ލައިޓް އަޕޮން ލައިޓް އެމްވީ"ގެ މެންބަރުންނަށް ޝުކުރު ހައްޤެވެ. އެއީ ހަގީގަތުގައި ވެސް ރާއްޖޭގެ އަސްދަނޑިން ބޭރުގައި ތިބި ހަބޭސް ޒުވާނުންތަކެކެވެ.

'އައްޑޫލައިވް'ގެ ފަރާތުން ވެސް އެދެނީ "ލައިޓް އަޕޮން ލައިޓް އެމްވީ"ގެ މެންބަރުން ކުރާ މަސައްކަތުގައި ﷲ ތަޢާލާ ބަރަކާތް ލެއްވުމެވެ.

ލައިޓް އަޕޮން ލައިޓް ގެ ފޭސްބުކް ޕޭޖް