Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ޖަމްޝީދު މަގާމުން ދުރުކުރަނީ

އައްޑޫ ސިޓީގައި ހުންނަވާ ފުލުހުންގެ ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު ޢަލީ މަޤާމުން ދުރުކުރަން ނިންމާފައިވާ ކަން އިތުބާރު ހުރިގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަމްޝީދުގެ ބަދަލުގައި އެހެން ކޮމާންޑަރެއް ވަރަށް އަވަހަށް އައްޑޫ ސިޓީއަށް ހަމަޖައްސާނެއެވެ.

ޖަމްޝީދުގެ ބަދަލުގައި އެހެން ކޮމާންޑަރެއް އައްޑޫއަށް ފޮނުވަން ފުލުހުން ނިންމާފައިވާއިރު، އޭނާގެ މަޤާމުގެ ޓާމް ހަމަވެގެން ދާދި ފަހުން ވަނީ އިތުރު ވެސް ކޮށްފައެވެ.

ފުލުހުންގެ އައްޑޫ ކޮމާންޑަރު ކަމުގެ މަޤާމުން ޖަމްޝީދު ދުރުކޮށްފައިވާއިރު އައްޑޫގައި ހަރަކާތްތެރިވާ ފުލުހުންގެ ޚިދުމަތާއި މެދު ގިނަ ބައެއްގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. އެގޮތުން މިފަހަކަށް އައިސް އައްޑޫގައި މާރާމާރީ އިތުރުވަމުންދާއިރު އެކަން ހުއްޓުވުމަށް ފުުލުހުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް އާއްމުން ތުހުމަތު ކުރެއެވެ.

އައްޑޫ ސިޓީ ކޮމާންޑަރު ބަދަލުކުރުމާޢި ބެހޭގޮތުން ފުލުހުންގެ ބަހެއް ލިބިފައި ނުވާއިރު، ފުލުހުންގެ އެތެރޭގައި ގެންނަ މިފަދަ ބަދަލުތަކާއި ބެހޭ މައުލޫމާތު ހިއްސާ ނުކުރާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.