ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ރަނގަޅު ފަރުވާ ނުލިބުމުގެ ޝަކުވާއަކީ އާއްމު ޝަކުވާއެކެވެ. އެކަމާއި އާއްމު ރައްޔިތުން ޝަކުވާ ކުރަން ފެށުމުން އޭރެއްގެ ސަރުކާރަކަށް އޮންނަ ކަމަކީ އެތަނުގައި ތިބި އިސް މުވައްޒަފުން ތަންތަނަށް ހިލަން ފެށުމެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އަންހެނުންގެ ޑޮކްޓަރުގެ މައްސަލާގައި ފާއިތުވި ދެ ހަފްތާގައި ހޮސްޕިޓަލްގެ ވެރިންނާއި ހެލްތު މިނިސްޓްރީ އަށް ބާރު ބޮޑުވުމުގެ ނަތީޖާއަކަށްވީ އަނެއްކާ ވެސް މެނޭޖްމަންޓް ބަދަލުވުމެވެ.
މައުމޫންގެ ދިގު ތިރީސް އަހަރުގައިވެސް އެކަށީގެންވާ ސިއްހީ ހިދްމަތެއް ނުދެވުނު ހޮސްޕިޓަލް ނަޝީދު ސަރުކާރުގައި ކޯޕަރޭޝަނަކަށް ބަދަލުކޮށްގެންވެސް ޖެހުނީ އެއްތާކު އެވެެ.
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހޮސްޕިޓަލްގައި އެންމެ ދުވަސްވީ އަބްދުﷲ ސަޢިދު މުސްކުޅި ކުރައްވައި ގެއަށް ފޮނުވާލީ މުހައްމަދު ނަޝީދު ސަރުކާރުންނެވެ. ދެން އޭގެ ފަހުން ކޯޕަރޭޝަން ބޯޑެއް އެކުލަވާލައި އޭގެ ދަށުން ހިންގަން އުޅުމުން ވެސް ވީ ފެއިލް އެވެ.
ނަޝީދު ސަރުކާރުގައި ވެސް ހޮސްޕިޓަލް ފެނިގެން ދިޔައީ ސިޔާސީ ޕާޓީގެ ޖަގަހައެއްގެ ގޮތުގަ އެވެ. ހޮސްޕިޓަލްގެ އެކި މަގާމުތަކަށް ސިޔާސީ އެކްޓިވިސްޓުން ލައްވައި އެ މީހުން ދިޔައީ ސިޔާސީ ކުޅި ކުޅުއްވަމުންނެވެ. އެއީ ކުރިން ވެސް މިހާރު ވެސް ރައްޔިތުން ކުރާ ތުހުމަތެކެވެ.
ނަޝީދުގެ ސަރުކާރު ވެއްޓި ވެރިކަން ވަހީދު އަށް ލިބުނު ހިސާބުން އަބްދުﷲ ސައީދު ގެންނަވައި ހޮސްޕިޓަލް ހިންގެވުން ހަވާލު ކުރުމުން ވީ ބޮޑު ޖޯކަކަށެވެ. ނަމަވެސް ސައީދުގެ ތަޖްރިބާގެ އަލީގައި ހޮސްޕިޓަލް ހިންގަވަން އުޅުއްވުމުން ދެން ވެސް ފެނުނީ ސިޔާސީ އަތްތައް ހޮސްޕިޓަލަށް ވަދެގެން ދިޔަ ތަނެވެ.
ހިތަދޫ ހޮސްޕިޓަލުން ރަނގަޅު ފަރުވާއެއް ނުލިބުމުގައި އެންމެ ބޮޑު އެއް ސަބަބަކީ ކަމަށް ގާބިލް ހިންގުންތެރި ވެރިން ނެތުމެވެ. ސިޔާސީ މީހުން ލައްވައިގެން ވެރިން ބޭނުން ގޮތަށް ތަން ހިންގަން އުޅުމެވެ. އަމިއްލަ ބާރު ނެތި ކަންކަން ކުރަން އުޅުމެވެ.
މިދިޔަ ހަފްތާގައި އަނެއްކާ ވެސް ހޮސްޕިޓަލް ހިންގަން އާ ބޭފުޅަކާ ވަނީ ހަވާލުކޮށްފަ އެވެ. ފޭދޫ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުރި ޚަދީޖާ ހަފްސާ ހޮސްޕިޓަލާ ހަވާލު ކުރުމާ ގުޅިގެން އަނެއްކާ ވެސް އާންމުންގެ ތެރޭގައި ތަފާތު ގޮތްގޮތަށް ދަނީ ވާހަކަ ދެކެވެމުންމެވެ. އެކަމަކު ބައެއް ފަރާތްތަކުން ގަބޫލް ކުރާ ގޮތުގައި އަންހެން ބޭފުކަށް ވިޔަސް އަދި ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ޒުވާން ބޭފުޅަކާ ހޮސްޕިޓަލް ހަވާލު ކުރުމަކީ މައްސަލައެއް ނޫނެވެ.
ބޭނުން ވަނީ ސިޔާސީ އެއްވެސް ފިކުރެއްގައި ތާށި ނުވެ، މިނިވަންކަމާ އެކު މަަަސައްކަތްކޮށް، މިހާރު އޮތް އަނދަވަޅުން އައްޑޫގެ ސިއްހީ ދާއިރާ ހާއްސަކޮށް ހޮސްޕިޓަލް ނަގައި ކޮޅަށް ޖެހުމެވެ.
ބައެއް މީހުން ގަބޫލް ކުރާ ގޮތުގައި އެ ޒިންމާ އަށް ހަފުސާ އަށް ނެގޭނެ އެވެ. ސަބަބަކީ އޭނާއަކީ ސިއްހީ ދާއިރާ އަށް ވަރަށް ބޮޑު ލޯތްބަކާ އެކު މަަސައްކަތް ކުރައްްވާ ބޭފުޅެއްކަން އޭނާ އާ އެކު މަސައްކަތް ކުރާ ބައެއް މީހުން ވެސް ފާހަގަ ކުރުމެވެ.
މީގައި ހަގީގަތުގައި ހޮސްޕިޓަލް ކުރިން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ސައީދުގެ ކުރިމަގާ ބެހޭ ގޮތުން ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. ހޮސްޕިޓަލް ހިންގުމުގައި އެ ބޭފުޅާ ވަނީ ގިނަ ދުވަސްތަކެއް ހޭދަ ކުރައްވައި ގިނަ ތަޖުރިބާތަކެއް ވެސް ހާސިލް ކުރައްވާފަ އެވެ.
އެކަމަކު ނަތީޖާ އާ މެދު ސުވާލު ކުރާ މީހުން ގިނަ އެވެ. އޭނާގެ ގާބިލްކަމާ ދޭތެރޭ އެތައް ބަޔަކު ޝައްކުގެ ނަޒަރަކުން ދެކެ އެވެ. މިއޮތް ހުރިހާ ދުވަހު ސައީދު އިސްކޮށް ހުންނަވައިގެން އައްޑޫގެ ސިއްހީ ދާއިރާ އަށް އެދެވޭ ބަދަލެއް ގެނެވިފައިވޭތޯ އެއީ ހަމަ ކޮށްލުން ރަނގަޅު ސުވާލެކެވެ.
މި ފަހަރު ހޮސްޕިޓަލް ހިންގުމާ ހަވާލު ކުރެވުނު ހަފްސާގެ ގާބިލް ކަމާއި މެދު ސުވާލު އުފެއްދި ދާނެ އެވެ. އެއް ކަމަކީ ސައީދުގެ ތަޖުރިބާ އާއި ހަފުސާގެ ތަޖުރިބާ އަޅާ ކިޔާ އިރު، ހަފުސާ އަދި މާ ފަހަތުގައި ހުންނެވުމެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ފަދަ ތަނެއް ހިންގޭނެ ގާބިލްކަން އެ ކަމަނާގެ ކިބައިގައިވޭބާ އެވެ؟ މިކަމާ ހިޔާލު ތަފާތުވުމެއް އޮވެދާނެ އެވެ. އެކަމަކު އެއީ މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ ވަރުގެ ކަމެއް ނޫނެވެެ.
ބޭނުން ވަނީ އެ މަގާމުގައި ހުންނަވައިގެން ރައްޔިތުން އުންމީދު ކުރާ ވަރުގެ ތަނަކަށް ހޮސްޕިޓަލް އޭނާ އަށް ހެދި ދާނެތޯ އެވެ. އެކަމަށް ހަގީގަތުގައި ވަގުތު ވެސް ބޭނުން ވާނެ އެވެ. ހަފުސާއަށް ވެސް ވަގުތުކޮޅެއް ދީގެން ރައްޔިތުން ބަލަން ތިބުމަކީ މިހާލަތުގައި ގޯހަކަށް ނުވާނެ އެވެ.
މިހާރު އިވޭ އަޑުތަކަށް ބަލާ އިރު ހަފްސާ އާ ހޮސްޕިޓަލް ހަވާލު ކުރީ ޕީޕީއެމްގެ ބާރުގަ އެވެ. އެ ޕާޓީގެ ބާރުގައި ހޮސްޕިޓަލް ހިންގަން ބަލާ އިރު ހަފްސާ އަށް މަދަދު ދޭނެ ޕީޕީއެމް މީހުން ވެސް މަދެއް ނޫނެވެ. ސިޔާސީ ހަލަބޮލިކަން މިހާ ބޮޑު ދުވަސްވަރެއްގައި ކޮންމެ ކަމެއް ވެސް ރައްޔިތުން ނަގާނީ ސިޔާސީކޮށްގެންނެވެ.
އެއީ މިހާރު ރާއްޖޭގެ ކަން ހިނގާ އުސޫލެވެ. އެ ނަޒަރުން ވިސްނާ އިރު، ހަފުސާގެ ސިޔާސީ ފިކުރު ވަކި ކުލައަކާ ގުޅުވަައިގެން ވާހަކަ ދެެއްކުމަކީ ހަމަ ވެދާނެ ކަމެކެވެ. އެކަމަކު ރައްޔިތުންނަށް ކުލައެއް މުހިއްމެއް ނޫނެވެެ. ބޭނުން ވަނީ ރަނގަޅު ހިދުމަތެކެވެ. އެކަން ހަފުސާ ދައްކަވައި ދެއްވާނެ ކަމަށް ބަލަން ޖެހެ އެވެ. މިއީ އަދި ފެށުމެކެވެ.
ހޮސްޕިޓަލްގައި ހުރި މައްސަލަތަކަކީ ފިތާލެވޭ އެންމެ ސްވިޗަކުން ހައްލު ކުރެވޭނެ މައްސަލަތަކެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް އެތަނުގެ ހާލަތު ގޯހެވެ. ރައްޔިތުން ދައްކާ ވާހަކައަކީ ވެސް އެއީ އެވެ. ބޭނުން ވަނީ ހިންގުންތެރި މެނޭޖްމަންޓެކެވެ. ވެރިއެކެވެ.
ހަފުސާގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރުމަކީ މައްސަލައަކަށް ނަހަދާށެވެ. ރައްޔިތުން ބޭނުންވާ ފެންވަރުގެ ސިއްހީ ހިދުމަތެއް އޭނާ ހުންނަވައިގެން ލިބޭ ކަމަށްވާ ނަމަ، އޭނާ ހުންނެވީ ކޮން ކުލައެއްގައިތޯ ބަލާކަށް ރައްޔިތުންނަކަށް މުހިއްމެއް ނުވާނެ އެވެ.