Last Updated: March 29, 11:09
Friday, March 29, 2024
މުނިފޫހިފިލުވުން

ޖޯން "ރޯ" ގެ ޝޫޓިން ފަށައިފި

ޖޯން އަބްރަހަމް ޖާސޫސީ އެޖެންޓެއްގެ ރޯލް ކުޅޭ ފިލްމް ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) ގެ ޝޫޓިން ފަށައިފި އެވެ.

މި ފިލްމަކީ ރޮބީ ގެރެވާލް ލިޔެ، ޑައިރެކްޓް ކުރާ ސްޕައި ތުރިލާއެކެވެ. ޖޯން މި ފިލްމްގެ މަސައްކަތް އިއްޔެ ފަށާފައި މި ވަނީ އޭނާ ފިލްމް ދޫކޮށްލައިފައިވާ ކަމަށް ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

"ރޯ" ގެ ވިލަންގެ ރޯލުން ސިކަންސަދް ކޭރް ފެނިގެންދާ އިރު، މީގެ ބަތަލާގެ ރޯލް މަޝްހޫރު ޓީވީ ބަތަލާ މޯނީ ރޯއި އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޖޯންގެ އެންމެ ފަހުން ރިލީޒް ކުރި ފިލްމަކީ މިދިޔަ މަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ރަނގަޅު ވިޔަފާރިއެއް ކުރި "ޕަރްމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" އެވެ. އޭނާ މިހާރު އަންނަނީ މިލަޕް ޒަވޭރީގެ ސަތިޔަމޭވް ޖަޔަތޭ (އެސްއެމްޖޭ) ގެ މަސައްކަތް ވެސް ކުރަމުންނެވެ.

ޖޯން ސޮއިކޮށްފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި ނިކިލް އަދްވާނީގެ "ބަޓްލާ" އާއި ރެންޒިލް ޑި ސިލްވާގެ "މޮރިޔާ ރޭ" ހިމެނެ އެވެ.

"ރޯ" އަކީ އެންމެ ފުރަތަމަ ސުޝާންތު ސިންގް ރާޖްޕޫތަށް ހުށަހެޅި ފިލްމެކެވެ. އެކަމަކު ފަހުން އޭނާ ވަނީ ފިލްމް ދޫކޮށްލައިފަ އެވެ.