Last Updated: May 8, 22:22
Wednesday, May 8, 2024
ރިޕޯޓް

ކެޔޮނިރު ކޮލަމް: ރިޔާސީ ކެންޑިޑޭޓުންގެ އައްޑޫ ސިޔާސަތު

ކެނޑިޑޭޓް: އުމަރު ނަސީރު

1. އައްޑު އަތޮޅަށް ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން، (ކަޅި ބިއް) ފުއްޓަރު ފަރާތުގައި ގެސްޓް ހައުސް ހިންގަން ބިން ދޫކޮށް، އެސަރަހައްދުގައި ގެސްޓް ހައުސް އެޅުމާ މެދު މަނިކުފާނުގެ ތަސައްވަރަކީ ކޮބައިތޯ؟

ޖަވާބު: އައްޑޫވަނީ އިޤްތިސާދީ ގޮތުން އެހެން އަތޮޅު ތަކަށް ވުރެ ފަހަތަށް ސޮއްސާލާފަ. އަޅުގަޑު 'ހަމަހަމަ ކަމުގެ ސިޔާސަތު' ގެ ދަށުން، ރާއްޖޭގެ އެއްވެސް އަތޮޅެއް އެހެން އަތޮޅު ތަކަށް ވުރެ އެއްވެސް ދާއިރާއެއްގައި ފަހަތަށް ސޮއްސާލާނަމަ އެއީ ސަރުކާރުން އިތުރު ސަމާލު ކަން ދޭނެ ކަމެއް. އެހެން ކަމުން އަޅުގަޑުގެ ސަރުކާރަކުން އައްޑޫ އަށް ޚާއްސަ ސަމާލު ކަމެއް ދެވޭނެ.

ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދަކަށް ވުރެ އައްޑޫ ގައި އިޤްތިސާދީ ހަރަކާތް މަދު ކަމުން ވަޒީފާ ނެތް މީހުން ވަނީ އިތުރު ވެފަ. އޭގެ ސަބަބުން ކުށްކުރުމާ ޑްރަގް ފަދަ ނުބައި ކަންކަން ވަނީ އިތުރުވެފަ.

2014 ވަނަ އަހަރުގެ ބޯޯހިމެނުމުގެ ނަތީޖާ އަށް ބަލާއިރު މުޅިރާއްޖޭގައި ވަޒީފާ ނެތް މީހުންގެ ނިސްބަތަކީ އާބާދީގެ %5.2 ކަމަށް ވާއިރު އައްޑޫގައި ވަޒީފާ ނެތް މީހުންގެ ނިސްބަތަކީ %12.7، މިހެންވެ އައްޑޫ އަކީ ރާއްޖޭގައި ވަޒީފާނެތް މީހުން އެންމެ ގިނަ އަތޮޅު.

ވަޒީފާ އަދާ ކުރާ އުމުރުގެ މީހުން އިޤްތިސާދީ ހަރަކާތްތަކުގައި ބައިވެރިވެ އުޅޭ ނިސްބަތަށް ބަލާއިރު މުޅި ރާއްޖޭގެ އެވަރެޖް އަކީ %63.2، ނަމަވެސް އައްޑޫގެ ނިސްބަތަކީ %58.2، މީގެ މާނައަކީ ހަފްތާ އަކު 1 ގަޑިއިރު އިޤްތިސާދީ ހަރަކާތެއްގައި އުޅެނީ އައްޑޫ ކޮންމެ 100 މީހުންގެ ތެރެއިން 58 މީހުންނޭ. އަނެއް %42 މީހުން ހަފްތާ އަކު 1 ގަޑިއިރުވެސް ކޮށްލާނެ އިޤްތިސާދީ މަސައްކަތެއް ނެތް މީހުނޭ ނުވަތަ ނުކުރާ މީހުނޭ.

އެހެން ކަމުން އައްޑޫ އަށް އިޤްތިސާދީ ފުރުސަތު ތައް އިތުރުކޮށްދޭން ޖެހޭ.

އަޅުގަޑުގެ ތަސައްވަރަކީ 2045 ވަނަ އަހަރު އަންނައިރު ރާއްޖެ ތަރައްޤީވެފައޮތް ޤައުމު ތަކުގެ ލިސްޓަށް އެރުން. މި ތަސައްވަރު 'މޯލްޑިވްސް2045' ގައި އަޅުގަޑު ދެކެނީ އައްޑޫ އަކީ އިޤްތިސާދީ އިންޖީނަކަށް ހެދިދާނެ ސަރަހައްދެއް ކަމަށް. އައްޑޫގެ 'ޖިއޮގްރެފިކް ލޮކޭޝަން' އާއި، ބިމާ، އާބާދީ އާއި އައްޑޫ ރައްޔިތުންގެ ތަޢުލީމަށާއި އަދި 'އެންޓްރިޕްރީނިއަލް ސްކިލް' އަށް ބަލާ އިރު އައްޑޫ އަކީ އިޤްތިސާދީ ނާރެސް އަކަށް ހެދިދާނެ. ސަރުކާރުން ޖެހޭނީ އިންފްރާ ސްޓަރކްޗަރ އާއި 'ހިއުމަން ކެޕިޓަލް' ގައި އިންވެސްޓް ކުރަން. އަދި އިންވެސްޓަރުންނަށް ޓެކްސް އާއި ބިމު ކުލީގައި ލުއި ތަކެއްދޭން. އޭރުން ޕްރައިވެޓް އިންވެސްޓަރުން ވިޔަފާރި ތައް ގާއިމް ކުރާނެ. އެމީހުންނަށް ޝައުގުވެރިވާ މަންޒިލަކަށް ވެގެން ދާނެ. އޭގެ ނަތީޖާ އަކަށް ވާނީ ވަޒީފާ ތައް އިތުރުވެގެން ދިއުމާ، އިޤްތިސާދީ ހަރަކާތްތައް އިތުރުވުން.

އަޅުގަޑުގެ ފޯކަސް އަކީ ހަމައެކަނި ޓޫރިޒަމް އެއް ނޫން. ނަމަވެސް ޓޫރިޒަމް ގެ އިތުރުން ފިޝަރީޒް، މެނުފެކްޗަރިންގް، ބަލްކްބްރޭކިންގް، ޓްރާންސްޝިޕްމަންޓް، ތެޔޮސާފުކުރުން ނުވަތަ މި ނޫންވެސް ކޮންމެ ދާއިރާ އެއްވެސް އިންވެސްޓަރުން ޝައުގުވެރިވާ ނަމަ ތިރީގައި މިވާ ލުއި ތައް އަޅުގަޑުގެ ސަރުކާރަކުން ދޭނެ.

* 10 އަހަރު ވަންދެން ހިލޭ ބިން ދިނުން.
* 5 އަހަރު ވަންދެން ވިޔަފާރީގެ ފައިދާއިން ޓެކްސް ނުނެގުން.
* އިންވެސްޓް ކުރަން އެތެރެކުރާ އެއްވެސް އެއްޗަކަށް އިމްޕޯރޓް ޑިއުޓީ ނުނެގުން.
* ވަޒީފާ ތަކަށް ބޭނުންވާ މީހުން ސަރުކާރުގެ ޚަރަދުގައި ތަމްރީން ކޮށްދިނުން.

މީގެ އިތުރުން:

* އަޅުގަޑުގެ ސަރުކާރުން މުޅި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް އަމާޒުކޮށްގެން ގާއިމް ކުރާ 10 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފަންޑް ގެ ތެރެއިން އައްޑޫ ސަރަހައްދުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ވަކި އަދަދެއް ރިސާރވް ކުރުން.

* އަޅުގަޑުގެ ސަރުކާރަކުން ހިލޭ މަތީ ތަޢުލީމް ފޯރު ކޮށްދޭއިރު، އައްޑޫ ދަރިވަރުންނަށް ޚާއްސަ ސަމާލު ކަމެއް ދިނުން. މަތީ ތަޢުލީމް ގެ އަމާޒަކީ މަދުވެގެން ކޮންމެ އާއިލާ އެއްގައި މަތީ ތަޢުލީމް ލިބިފައިވާ 1 ކުއްޖަކު ހުރުން.

* އިންފްރާ ސްޓްރަކްޗަރ ގައި އިންވެސްޓް ކުރަމުން ގެންދިއުން. އޭގެ ތެރޭގައި ބަނދަރާ، މަގުތަކާ، ހައި ސްޕީޑް އިންޓަރނެޓާއި މި ނޫންވެސް އިންވެސްޓަރުން ބޭނުންވާ އިންފްރާސްޓަރކްޗަރ ގާއިމް ކޮށްދިނުން.

* ގެދޮރުވެރިކަން އިތުރު ކުރުމަށް ޓަކައި އަޅުގަޑުގެ ސަރުކާރުން ހިންގާ 'ހެޔޮހިޔާ' ޕްރޮގްރާމް ގެ ދަށުން މަދުވެގެން 5000 މީހުންނަށް (1000 އާއިލާ އަށް) ސޯޝަލް ހައުސިންގް ފޯރުކޮށްދިނުން.

* ގެސްޓް ހައުސް ތަކުން ނަގާ ޓޫރިޒަމް ޓެކްސް (ޓީ،ޖީ،އެސް،ޓީ) ޓެކްސްގެ %3، ކައުންސިލް ޓެކްސް ގެ ގޮތުގައި ސީދާ އައްޑޫ ސިޓީ ކައުންސިލް ގެ އެކައުންޓް އަށް ޖަމާ ކޮށްދިނުން.

* ގެސްޓް ހައުސް ވިޔަފާރި ތަކުން ގްރީން ޓެކްސް ނުނެގުން.

މަތީގައި އެވާ ސިޔާސަތު ތައް އައްޑޫ ސަރަހައްދުގައި ތަންފީޒް ކުރާތާ 15 އަހަރުވާއިރު އައްޑޫ ސަރަހައްދު އޮންނާނީ ވަރަށް ބޮޑުތަނުން ކުރިއަރާ އިޤްތިސާދީ އިންޖީނަކަށް ބަދަލު ވެފައެވެ.

2. ހިތަދޫއާ އެއްފަޅެއްގައިވާ ކޯހެރަ، ކައްބޯހެރަ، މާހެރަ، ކުދު މާހެރަ، ދިރޮނޑި، އަދި ކޯއްޓޭ ހިމެނޭގޮތަށް ފާލަންތަކަކުން ގުޅާލައިގެން، ސަރުކާރުގެ މާބޮޑު ޙަރަދެއްނެތި، އަމިްލަ އިންވެސްޓަރުންގެ ޙަރަދުގައި "ގެސްޓް ހައުސް ސިޓީ" އެއް ބިނާ ކުރުމާމެދު މަނިކުފާނު ދެކިވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ؟

ޖަވާބު: ބިން ބޭނުން ކުރާނެ ގޮތާ ބެހޭ މާސްޓަރ ޕްލޭން އެއް އުކުލަވާ ލުމަށް ފަހު މިކަން ކުރުމަކީ އަޅުގަޑު ވަރަށް އެދޭ ކަމެއް. ސަރުކާރުން މަތީގައި އެވާ ލުއި ތަށް ފޯރުކޮށްދޭނަން.

3. އައްޑޫގެ ފަޅުރަށެއްކަމުގައިވާ ކަނޑިހެރަ އާއި ކުދު ކަނޑިހެރަ ފަދަ ރަށްރަށް ރިސޯރޓުގެ ގޮތުގައި ތަރައްޤީ ކުރުމަށް ހުޅުވާލުމާމެދު ތަސައްވަރަކީ ކޮބައިތޯ؟

ޖަވާބު: ތިޔައީ ކުރެވިދާނެ ކަމެއް ކަމަށް ދެކެން. އަދި ތިކަމަށް ޝައުގުވެރިވާނެ އިންވެސްޓަރުން ލިބޭނެ ކަން ޔަގީން. އައްޑޫ އަށް މަދުވެފައި އޮތީ ޕޮލިޓިކަލް ވިޝަން އެއް. ސަރުކާރުގެ ފޯކަސް އެއް.

4. މިގޮތަށް ބިޑަށް ލައިގެން ދެވޭ ރިސޯރޓަކާ ހަވާލުވާ ބަޔަކު ރިސޯރޓުގެ ކުލީގެ ގޮތުގައި ދައުލަތަށް ފުރަތަމަ 10 އަހަރު ދައްކަންޖެހޭ ކުލީގެ ބަދަލުގައި، އެފައިސާއިން އައްޑޫސިޓީގެ ހުރިހާ ރަށެއްގެ މަގުތައް ހަދައިދޭ ގޮތަށް އެގްރީމެންޓްގައި ހިމެނުމަކީ ދެކޮޅުޖެހޭ ފަދަ ކަމެއްތޯ؟

ޖަވާބު: އިންވެސްޓް ކުރާ މީހުން ލައްވާ އެހެނިހެން މަސައްކަތް ކުރުވުމަކީ އިންވެސްޓަރުންގެ ވިޔަފާރީގެ ފޯކަސް ގެއްލޭނެ ކަމެއް. އޭގެ ބަދަލުގައި އެ ފައިސާ ބޭނުން ކޮށްގެން އެކަން ކުރަން ވާނީ ސިޓީ ކައުންސިލް ގެ ބައިވެރިވުމާ އެކު ސަރުކާރުން.

5. ހިތަދޫ އިން ގަމަށް ދަތުރުކުރާ ލިންކް ރޯޑް މަގުގެ ތާރުތައް އެކި ދިމަދިމާއިން ނެއްޓި، ވަޅުގަނޑުތައްހެދި، މަގުގެ ތާރު ފަށަލަ ތުނިވެ، މަގުގެ ފެންވަރު ދަށްވެފައިވާއިރު، ލާމު އަތޮޅުގައި ދާދި ފަހުން ޗައިނާއިން ހަދައިދިންލްކް ރޯޑާ އެއްފެންވަރަކަށް އައްޑޫގެ ލިންކް ރޯޑް ތަރައްގީ ކުރާނަންތޯ، އަދި އެއީ ކިހާ މުހިއްމު ކަމެއްތޯ؟

ޖަވާބު: އަޅުގަޑުގެ 5 އަހަރު ނިމޭ އިރު އިރާދަ ކުރެއްވިއްޔާ ލިންކް ރޯޑް އަލުން ހަދާ މަރާމާތު ތައް ނިންމާ ނަން.

6. ވާރޭ ވެހިއްޖެނަމަ އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ މަގުތަކުގައި ފެން ބޮޑުވެ، ޗަކަސް ހެދި، އެތައް ދަތިތަކަކާ ކުރިމަތިވާއިރު، އައްޑޫ ސިޓީގެ ހުރިހާރަށެއްގެ ހުރިހާ މަގުތަކެއް ތާރު އަޅައިގެން ހެދުމަކީ ހަޤީގަތަކަށް ހެދިދާނެ ހުވަފެނެއްތޯ ނުވަތަ އެއީ މާލީ ގޮތުން ދެކޮޅު ނުޖެއްސޭނެ ކަމެއްތޯ؟

ޖަވާބު: ތިޔައީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް. ނަމަވެސް ބިމާ ބެހޭ މާސްޓަރ ޕްލޭން އެއް އެކުލަވާ ލުމަށް ފަހު 10 އަހަރު ތެރޭ ހުރިހާ މަގުތަކެއް ރަގަޅު ފެންވަރަށް ނިންމުމަށް އަޅުގަޑު އަމާޒު ހިފާ ނަން.

7. ހިތަދޫގެ ބިން އިތުރަށް ހިއްކިދާނެތޯ ނުވަތަ އެއީ ކުރުން މުހިއްމު ކަމެއްތޯ؟

ޖަވާބު: އަޅުގަޑު ދެކޭ ގޮތުގައި އިތުރަށް ބިން ހިއްކާނެ ކަމެއް ނެތް. މިހާރު އޮތް ބިމުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންވީ. އެހެންވެ ބިމާ ބެހޭ މާސްޓަރ ޕްލޭން އެއް އެކުލަވާލަން ޖެހޭނެ ކަމަށް އަޅުގަޑު ދެކެނީ. އަޅުގަޑު ގެ ފުރަތަމަ 6 މަސް ތެރޭ އެ ޕްލޭން ނިންމާނަން. އަދި ރައްޔިތުންގެ ޚިޔާލަށް އެ ޕްލޭން ހުށަހަޅާ ނަން. އެ ޕްލޭން ވާންޖެހޭނީ އިންވެސްޓްމަންޓް ތަކަށް ޖާގަހޯދާދޭ އަދި މުސްތަޤްބަލް އަށް ވެސް ބިން ރިޒާރވް ކޮށްދޭ ޕްލޭން އަކަށް.

8. އައްޑޫ ސިޓީގައި، އާބާދީގެ ނިސްބަތުން ވަޡީފާ މަދުއިރު، އިތުރު ސިނާއަތްތަކާއި އިތުރު ވިޔަފާރިތައް މިސިޓީއަށް ގެނެސް، ވަޒީފާގެ ފުރުސަތު އިތުރުކުރަން މަނިކުފާނުގެ ސަރުކާރަކުން ކުޜާނެ އެންމެ މުހިއްމު ތިން ކަމަކީ ކޮބައިތޯ؟

ޖަވާބު: މަތީގައި އެވަނީ މި ކަމުގައި އަޅުގަޑު ވިޝަން.

9. ގަން އިންޓަރނޭޝަނަލް އެއަރޕޯރޓަށް ޝެޑިއުލް ދަތުރުކުރާ ހަމައެކަނި އެއަރލައިނަކީ ޝްރީލަންކަން ކަމަށް ވެފައި، އެއެއަރލައިންގެ ދަތުރުތައްވެސް ހުއްޓިދާނެކަމުގެ ބިރު ދޭތެރެ ދޭތެރެއިން ފާޅުކުރެވެމުންދާއިރު، ގަމަށް އިތުރު ޝެޑިއުލް އެއަރލައިން ދަތުރުތައް ފަށައި ގަމުގެ އެއަރޕޯރޓާމެދު ކުރިއަށް އޮތް ފަސް އަހަރަށް މަނިކުފާނުގެ ތަސައްވަރަކީ ކޮބައިތޯ؟

ޖަވާބު: އިތުރު އިންވެސްޓްމަންޓް ގެނައުމުގެ ފޯކަސް ނެތް ކަމުގައި ވާނަމަ މިހާރު ހިގާ ދަތުރުތައް ހުއްޓުމަކީ އެކަށީގެންވާ ކަމެއް. އިންވެސްޓަރުންނަށް އެޓްރެކްޓިވް ތަނަކަށް އައްޑޫ ސަރަހައްދު ހެދިއްޖެ ނަމަ ފްލައިޓް ތަށް އިތުރުވެ، ކާގޯ ބޯޓު ފަހަރާ، އެހެނިހެން ދަތުރުފަތުރު އިތުރުވެގެން ދާނެ.

10. ރާއްޖޭގެ އެކިސަރަހައްދުތަކުގައި އެތަކެއް އިންޓަރނޭޝަނަލް އެއަރޕޯރޓު އެޅުމުގެ ބަދަލުގައި، ހުޅުލޭ އެއަރޕޯރޓްގެ އިތުރުން ހަމައެކަނި އުތުރުގައި އެކެއް އަދި ދެކުނުގައި އިންޓަރނޭޝަނަލް އެއް އެއަރޕޯރޓް އޮންނަގޮތަށް ޤައުމީ ސިޔާސަތެއް ކަނޑައަޅައި، ގަންފަދަ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ސީޕްލޭންބޭސްއެއް ހަދައި ސަރަހައްދުގެ ރިސޯރޓްތަކާ ސީޕްލޭއިން ގޫޅާލުމާމެދު މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ؟

ޖަވާބު: އިންވެސްޓްމަންޓް ތަކަށް ބޭނުންވާ ދަތުރުފަތުރު ގެ ނިޒާމް ގާއިމް ކުރުމަށް ސަރުކާރުން މަގު ތަނަވަސް ކޮށްދޭނަން. ކުރިއަށް އޮތް ތަނުގައި ދުނިޔޭގައި ވައިގެ ދަތުރުފަތުރު ފުޅާވެ، އަގު ހެޔޮވެގެން ދާނެ. އޭގެ ފައިދާ ދިވެހިން ނަގަންވާނެ.

11. އައްޑޫ ސިޓީގައި އެމް.ޑީ.ޕީ ގެ ސަރުކާރުން ބިނާކުރި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް މިސަރުކާރުން ކުރަމުން ދާއިރު، އެހޮސްޕިޓަލަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ހޮސްޕިޓަލަކަށް ހެދުމަކީ ކިހާ މުހިްމު ކަމެއްތޯ، އަދި އެއީ ކުރެވިދާނެ ކަމެއްތޯ؟

ޖަވާބު: ވިޔަފާރި މޮޑެލް އަކަށް އެ ހޮސްޕިޓަލް ހިންގެންޖެހޭނެ. އަދި ވިޔަފާރީގެ މޮޑެލް ގައި ހިންގާ ހޮސްޕިޓަލް އަކީ މުޅި ސަރަހައްދަށް ޚިދުމަތް ދެވޭ ތަނަކަށް ބަދަލު ވެގެން ދާންވާނެ.

12. ކޮންވެންޝަން ސެންޓަރ ގައި ހޮސްޕިޓަލް ހުޅުވުމަށްފަހު މިހާރުގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންނަން ފެންނަނީ ކޮންކަހަލަ ބަދަލެއްތޯ؟ އެގޮތުން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޕްރައިވެޓް ހޮސްޕިޓަލަކަށް ހަދައި، ބިޑަށްލައިގެން އޭ.ޑީ.ކޭ ފަދަ ބަޔަކާ ހަވާލު ކުރުމަކީ ކޮންކަހަލަ ކަމެއް ކަމަށް މަނިކުފާނު ދެކެވަޑައިގަންނަވަންތޯ؟

ޖަވާބު: ސަރުކާރުން ހިންގަން ވާނީ 1 ހޮސްޕިޓަލް. އެހެން ތަންތަން ހިންގަންވާނީ ވިޔަފާރީގެ މޮޑެލް ގައި.

13. ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް، ހާއްސަކޮށް ސިޓީ ކައުންސިލްތަކަށް ލިބޭ ބާރުތައް އިތުރުކޮށް، ކޮންމެ ސިޓީ ކައުންސިލަކަށް ތަރައްޤީގެ ބަޖެޓް ފަސޭހަކޮށްދިނުމުގެ ގޮތުން އެސިޓީ ކައުންސިލަކަށް ކުލި ލިބޭ ގޮތަށް، އެސިޓީއަކުން އެއް ރިސޯރޓް ކަނޑައެޅުމަކީ ރަނގަޅު އިގްތިސޯދީ ފިޔަވަޅަކަށް ވެދާނެތޯ، އަދި މަނިކުފާނުގެ ސަރުކާރެއްގައި އެފަދަ ކަމެއް ކުރައްވަފާނަންތޯ؟

ޖަވާބު: މަތީގައިވާ ޕްލޭން ގެ ދަށުން މި ކަން ކުރެވޭނެ. އަޅުގަޑުގެ ސަރުކާރެއްގައި ކައުންސިލް ތައް ބާރުވެރި ކުރުވޭނެ. އަދި ޒިންމާދާރުވެސް ކުރުވޭނެ. ގެއްލިފައިވާ އިތުބާރު އަލުން ހޯދާ ދެވޭނެ.

14. އައްޑޫ ގަމުގަ އާއި ގައުކެނޑި ސަރަހައްދުގައި ބިން ހިއްކައިގެން ސިޓީ ހޮޓެލް ހެދުމަކީ އިޤްސިސޯދީ ގޮތުން ދެކޮޅުޖެހޭ ކަމެއްތޯ، އަދި އެހެން ކަމުގައިވާނަމަ، މަނިކުފާނުގެ ސަރުކާރެއްގައި އެފަދަ ކަމެއް ކުރައްވަފާނަންތޯ؟

ޖަވާބު: މަތީގައިވާ ވިޝަން ގައި މިކަން ކަމަށް ޖާގަ ލިބޭނެ.

15. އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް އިތުރަށްތަރައްގީ ކޮށް، ޤައުމީ ކުޅިވަރު އިންފްރާސްޓްރަކްޗަރގެ ތެރެއިން އައްޑޫ ސިޓީގައި ކުޅިވަރުގެ ކޮންކަހަލަ އިންވެސްޓްމެންޓް ތަކެއް ކުރަންޖެހޭ ކަމަށް މަނިކުފާނު ދެކެވަޑައިގަންނަވަންތޯ؟

ޖަވާބު: ރާއްޖޭގެ ޒުވާނުން ދުޅަހެޔޮ ސިއްޚަތެއް ގައި ތިބެގެން މެނުވީ ރާއްޖެ އަށް 'މޯލްޑިވްސް2045' ހާސިލެއް ނުކުރެވޭނެ. މަސްތުވާ އެއްޗެއްސާ ދުރުކޮށް ކުޅިވަރު ތަކާ ޒުވާނުން ކައިރި ކުރުމަކީ އަޅުގަޑުގެ ވިސްނުން.

16. ސަރުކާރުން އައްޑޫގައި އިމާރާތް ކުރި ފްލެޓްތަައް ދޫނުކުރެވި ލަސްވާތީ ފްލެޓްތަކަށް ކުރިމަތިލި މީހުން ޝަކުވާ ކުރަމުންދާއިރު، މިފަދަ އިތުރު ފްލެޓްތައް އައްޑޫސިޓީގައި އިމާރާތްކޮށް މިސިޓީގެމީހުން އިތުރަށް ގެދޮރުވެރި ކުރުވުގައި މަނިކުފާނުގެ ސިޔާސަތަކަށްވާނީ ކޮންކަމެއްތޯ؟

ޖަވާބު: މަތީގައިވާ ސިޔާސަތުގެ ދަށުން ތިކަން ހައްލު ކޮށްދެވޭނެ. ރާއްޖޭގެ އެކި ކަންކޮޅުގައި އިމާރާތް ކޮށް ނިމި ދޫނުކުރެވި ހުރި ހުރިހާ ފްލެޓް ތަކަށް 6 މަސްދުވަސް ތެރޭ މީހުން ވަދެ ދިރިއުޅެން ފެށޭ ވަރު ކޮށްދޭނަން.

17. ފޯން، ކޭބަލް ޓީވީ، ކަރަންޓް، ފެން، ނަރުދަމާ ފަދަ ޙިދުމަތްތައް ދިނުމަށް ނަޜާއި ހޮޅި ވަޅުލުމުގައި ރާއްޖޭގެ ގިނަ ރަށްތައް ފަދައިން އައްޑޫ ސިޓީގެ ރަށްތަކުގެ މަގުތަކާއި ދުވާރުތައް އަބަދުވެސް އޮންނަނީ ތަކުރާރުކޯށް ކޮންނަން ޖެހިފައެވެ. މިކަމުގެ ސަބަބުން ތާރުއެޅި މަދު މަގުތަކުގެ ތާރުގަނޑު ހަލާކުވެ، ވެލި މަގުތައް ޗަކަސްވެ، އަޑިގުޑަންވެ، މަގުތައް އިތުރަށް ހަލާކުވެއެވެ. މިގޮތަށް ތަކުރާރުކޮށް ކޮންނަން ނުޖެހޭ ގޮތަށް، ބޮޑެތި މަގުތަކުގައި ޔުޓިލިޓީ ޓަނެލް ގާއިމް ކޮށް، އެޓަނެލްތަކުގެ އެކި ހިސާބުގައި މޭންހޯލްހަދާ، ނަރެއް ވަޅުލާންޖެހޭ ކޮންމެ ފަހަރަކު ބޮޑެތި މަގުތައް ކޮންނަން ނުޖެހޭ ގޮތަށް ނިޒާމެއް ގާއިމް ކުރުމަކީ މުހިއްމު އަދި ކުރެވިދާނެ ކަމެއް ކަމަށް ދެކެދަވަޑައިގަންނަވަންތޯ؟

ޖަވާބު: ތިކަންކަން ހައްލު ކުރެވޭނީ ތިކަންކަން ސިޓީ ކައުންސިލް ގެ ދަށަށް ދޫކޮށްލައިގެން. މައި ސަރުކާރުން ތި ކަހަލަ ކަންކަން ކުރަން އުޅުމީ ގޯހެއް. އަޅުގަޑު ސަރުކާރަކުން ތިކަންކަން ސިޓީ ކައުންސިލް އަށް ދޫކޮށްލާނަން.

18. ޤައުމުގައި އާއްމުވެފައިވާ ކަރަޕްޝަނާއި ފަސާދައާއި ރިޝްވަތުގެ ސަގާފަތް ނިމުމަކަށް ގެންނެވުމަށްޓަކައި މަނިކުފާނުގެ ސަރުކާރުން އަޅުއްވާނެ އެންމެ މުހިއްމު 5 ފިޔަވަޅަކީ ކޮބައިތޯ؟

ޖަވާބު: އަޅުގަޑު ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭނީ 'ޒީރޯ-ޓޮލަރަންސް' ޕޮލިސި އެއް. މުޅި ދައުލަތް އެއްކޮށް ކޮރަޕްޝަންގެ ވަބާ އިން އަޅުގަޑު ސަލާމަތް ކޮށްދޭ ނަން. ދައުލަތުގެ ހުރިހާ މަސައްކަތް ހިގާނީ ދެފުށް ފެންނަ ގޮތަށް. ކޮރަޕްޝަން ޕޮލިސީ ފަހުން އިޢުލާން ކުރާ ނަން.

19. މުސްލިމް އަންހެނުން ބުރުގާއިން ނިވާވުމަކީ، ރާއްޖެފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ކިހާ މުހިއްމު ކަމެއްތޯ، އަދި މިއީ ކުރަންޖެހޭ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ނަމަ ފިޔަވަހި ތަކަކަށް ބަހާލައިގެން ނަމަވެސް މިކަން ކުރެވިދާނެ ގޮތަކީ ކޮބައިތޯ، އަދި މިއީ މަނިކުފާނުގެ ނަޒަރުގައި ކިހާ މުހިއްމު ކަމެއްތޯ؟

ޖަވާބު: އަޅުގަޑުގެ ވެރިކަމެއްގައި މި ޤައުމު ދާނީ އިސްލާމީ ދީނުގެ ހަމަ ތަކާ، އިސްލާމީ ޝަރީއަތާ ކައިރިޔަށް ޖެހެމުން. ސަރުކާރުން އަބަދުވެސް ބާރު އަޅާނީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ރާއްޖެ އަބަދުވެސް ދެމިއޮތުމަށް، އަދި އެ ގޮތަށް ދިވެހިންގެ ހެދުން އެޅުމާ، އަޚްލާގާ، ހީވާގި ކަމާ، ތަޢުލީމް، މަސައްކަތްތެރިކަން ބޭއްވުމަށް. ދީނީ އިލްމުވެރިން ގެ ނަސޭހަތާ، ވަޢުޝާ ސަރުކާރުން ފުޅާ ކޮށްދޭނަން. ތިފަދަ ކަންކަން ހަމަޖެހިގެން ދާނީ އިލްމުވެރިންގެ ނަސޭހަތުގެ ތެރެއިން، ސަރުކާރުން މަޖްބޫރު ކުރުވުމެއް ނެތި.

20. ރާއްޖެފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި، ބޭންކްތަކާއި ސަރުކާރު، އަދި އަމިއްލަ ވިޔަފާރި ތަކުގައި ރިބާ އާއްމުވެފައިވާ އިރު، ރިބާއާ މަޑުމަޑުން ނަމަވެސް ދުރަށް ގޮސް، އިސްލާމިކް އިޤްތިސޯދަކަށް ރާއްޖެ ބަދަލު ކުރުމަކީ މަނިކުފާނުގެ ވިސްނުންފުޅެއްތޯ؟

ޖަވާބު: އަޅުގަޑުގެ އެއް ވިސްނުމެއް އިސްލާމިކް ފައިނޭންސް އަދި އިސްލާމިކް ބޭންކިންގް ފުޅާ ކުރުމަކީ.

21. ރާއްޖޭގައި މިހާތަނަށް ހަލާލް ޓޫރިޒަމް ތައާރަފް ވެފައިނެތުމާއެކު، އިސްލާމިކް ހަލާލް ޓޫރިސްޓް ރިސޯރޓްވެސް ރާއްޖެއަށް ތައަރަފް ކުރުމާމެދު އެއްވެސް ޕްލޭނެއް އަދި ތާވަލެއް އެބައޮތްތޯ މަނިކުފާނުގެ ވިސްނުންފުޅުގައި؟

ޖަވާބު: އަޅުގަޑު ތިފަދަ ހޮޓާ ތަކެއް އަދި ރިސޯރޓް ތަކެއް ތައާރަފް ކުރާ ނަން. ތިޔަ މޮޑެލް ޓެސްޓް ކުރެވޭނެ. ތިޔައީ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަރަށް މުހިއްމު ބައެއް.

22. ސަފާރީ އުޅަނދުފަހަރާއި، އެއަރޕޯރޓް ހޮޓެލްތަކަކީ ދިވެޙިންނަށް ޤަވާއިދާ ޙިލާފަށް ރާފޯރުކޮށްދޭ ތަންތަން ކަމަށް ބައެއްފަރާތްތަކުން ބުނާއިރު، ގެސްޓްހައުސްތަކުގައި ރާވިއްކުން މަނާ ފަދައިން ސަފާރީ އުޅަނދުފަހަރާއި، އެއަރޕޯރޓް ހޮޓެލްތަކުގައި ވެސް ރާވިއްކުން މަނާކުރުމަކީ ދެކޮޅުޖެހޭ ކަމެއްތޯ އަދި މުހިއްމު ކަމެއްތޯ؟

ޖަވާބު: މީހުން ދިރިއުޅޭ ރަށް ރަށުގައި އެއްވެސް ސިފައެއްގައި ރާ ވިއްކުމަކީ އަޅުގަޑު ހުއްދަކުރާނެ ކަމެއް ނޫން. އަދި މީހުން ދިރިއުޅޭ ރަށްރަށުގެ ގޮޑުދޮށާ ހަމައަށްވެސް ރާ ވިއްކާ މީހުން ރާ ވިއްކަން އައިސް ގެން ނުވާނެ. އަޅުގަޑު ވާނީ އެކަން ހުއްޓުވުމަށް މީގެ ކުރިންވެސް ޕްލޭން އެއް އެކުލަވާލާފަ. މިއަދު ގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މި މައްސަލަ ހައްލު ކުރެވިދާނެ ކަމަށް އަޅުގަޑު ދެކެނީ. ބަގުރަލުގެ ނުރައްކަލުން އަޅުގަޑުމެން ގެ ޖީލު ރައްކާތެރިކޮށްދޭނަން.

23. ޕާރޓޭ، ގޭންގް، ޑްރަގް ފަދަ ނުބައި ކަންކަމުން ދިވެހި މުޖުތަމައު އެއްކޮށް ސާފުކުރުމަށް މަނިކުފާނު އަޅުއްވާނެ ހަރުކަށި ފިޔަވަޅުތަކަކީ ކޮބައިތޯ؟

ޖަވާބު: މި ހަފްތާގައި މި ސިޔާސަތު އަޅުގަޑު އިންޝާﷲ އިޢުލާން ކުރާ ނަން.

24. މަރުގެ ހުކުމް ތަންފީޒު ކުރާނެކަމަށް މިހާރުގެ ސަރުކާރުން ތަކުރާރުކޮށް ވިދާޅުވިއަސް މިހާތަނަށް އެކަން ކުރެވިފައި ނުވާ އިރު، މަނިކުފާނުގެ ސަރުކާރެއްގައި، މީހުންމެރުމާއި ޑްރަގް ވިއްކުންފަދަ ބޮޑެތި ޖަރީމާތަކަށް އަރައިގަންނަ މީހުންނަށް ކޯޓްތަކުން އިއްވާ މަރުގެ ހުކުމް ތަންފީޒު ކުރައްވާނަންތޯ، އަދި ވެރިކަން ލިބޭތާ ކިހާ މުއްދަތެއްގެ ތެރޭ އެކަން ކުރައްވާނަންތޯ؟

ޖަވާބު: ދީނުގަ އަންގަވާފަ އޮންނަ ގޮތުގެ މަތިން ޤިސާސް ހިފޭނެ. ނަމަވެސް އޭގެ ކުރިން ރާއްޖޭގެ އަދުލް އިންސާފު ގެ ނިޒާމް ރަގަޅު ކޮށް އިސްލާހު ކޮށް، އިއްވާ ހުކުމަކީ އިންސާފުވެރި ހުކުމެއްކަން އަޅުގަޑު ކަށަވަރު ކުރާ ނަން. މިހާރު އިއްވާފަ ހުރި މަރުގެ ހުކުމް ތައް 'ޖުޑީޝަލް ރިވިއު' އެއް ހަދާ ނަން.

25. ޖަލުތަކަކީ އަދަބުދޭ ތަންތަނުގެ ގޮތުގައި އޮތްއޮތުން ބަދަލުކޮށް، ޖަލުތަކަކީ ކުށްވެރިން އިސްލާހްކުރާ ތަންތަން ގޮތަށް ބަދަލު ކޮށް، ކޮންމެ ކުށްވެރިއަކަށް ވަކި ގޮޅިއެއްހަދައި، އިންސާނިއްޔަތުކަމައިއެކު ކުށްވެރިން އިސްލާހްކުރާ ތަންތަން ކަމުގައި ދިވެހިރާއްޖޭގެ ޖަލުތައް ހެދުމާމެދު މަނިކުފާނުގެ ތަސައްވުރަކީ ކޮބައިތޯ؟

ޖަވާބު: ޖަލު ތަކަކީ ރިހެބިލިޓޭޝަން ގެ މަރުކަޒު ތަކެއް. މަސައްކަތުގެ ވެއްޓެއް. ރާއްޖޭގެ ޖަލުގެ ނިޒާމް މަސައްކަތާ ރިހެބިލިޓޭޝަން އާއި ދިމާ އަށް އަޅުގަޑު އަބުރާ ނަން. އެ މަސައްކަތުގެ ބައެއް އަޅުގަޑު ވާނީ މީގެ ކުރިންވެސް ތަންފީޒް ކޮށްފަ. ބައެއް މަސައްކަތު ޖަލުތައް ވާނީ އުފައްދާފަ.

26. އެސް.އޯ ފުލުހުންނަށް ރައްޔިތުންގެ ގިނަބައެއްގެ އިތުބާރު ގެއްލިފައިވާ ކަމަށް ޤަބޫލް ކުރައްވަންތޯ، އަދި އެސް.އޯ ފުލުހުންގެ މުއައްސަސާ އިސްލާހް ކުރަން ކޮންކަހަލަ ބަދަލުތަކެއް މަނިކުފާނުގެ ވެރިކަމެއްގައި ގެންނަވާނަންތޯ؟

ޖަވާބު: ޤާނޫނު ތަންފީޒް ކުރާ (ޕޮލިސް، ކަސްޓަމްސް، އިމިގްރޭޝަން، ކަރެކްޝަނަލް ސާވިސް) ކޮންމެ އޮފިސަރަކީ ބޭސިކް ޓްރޭނިންގްގައި މަދުވެގެން ވަކި ގަޑިއެއް ހޭދަ ކުރުމަށްފަހު މެނުވީ ޑިއުޓީ އަށް ނުނިކުންނަ މީހަކަށް ހެދުމާ، ވަޒީފާ އަދާ ކުރަމުން ގެންދާއިރު ކޮންމެ އަހަރަކު އެއްފަހަރު މަދުވެގެން 30 ގަޑިއިރުގެ ރިފްރެޝަރ ތަމްރީން ހަދާ މީހަކަށް އަޅުގަޑު ހަދާ ނަން. އޭރުން މިހާރު ނިކުންނަ މައްސަލަތައް މަދުވެގެން ދާނެ. އޭގެ އިތުރުން އަމަލުކުރާ އުސޫލުތައް ލިޔެފައި ބަހައްޓާނަން.

27. ޤައުމީ ދިފާއީ ބާރުގެ އޮނިގަނޑަށް ބަދަލުގެނެސް، އާރމީ، ނޭވީ އަދި އެއަރފޯރސް ތައާރަފް ކުރުމަކީ މުހިއްމު ކަމެއްތޯ؟

ޖަވާބު: ރާއްޖޭގައި އޮންނަވާނީ 'ކޮމްބައިންޑް ފޯރސް' އެއް ކަމަށް އަޅުގަޑު ދެކެނީ. ސާރވިސްތައް ވަކިކުރީމަ ޚަރަދު ބޮޑުވާނެ.

28. ސިޔާސީ މަޤާމްތައް މަދުކުރާނެކަމަށް ކޮންމެ ސަރުކާރަކުން ބުންޏަސް، ކަންވާތަން ފެންނަނީ އޭގެ އިދިކޮޅަށެވެ. މަނިކުފާނުގެ ވެރިކަމެއްގައި ސިޔާސީ މަޤާމްތައް މަދު ކުރަން އަޅުއްވާނެ ދެފުށްފެންނަ ފިޔަވަޅުތަކަކީ ކޮބައިތޯ؟

ޖަވާބު: އަޅުގަޑުގެ ސަރުކާރެއްގައި 300 އަށް ވުރެ ސިޔާސީ މަޤާމް އިތުރުނުކުރާނެ ކަމީ އަޅުގަޑުގެ ވަޢުދެއް. ނަޝީދުގެ ސަރުކާރުގައި 544 ސިޔާސީ މަޤާމް ހުރި. ޔާމީން ގެ ސަރުކާރުގައި 667 އާ ހަމައަށް މިހާރު އެބަހުރި. މިއީ ސަރުކާރުގެ ކުންފުނިތަކުގައި ގެންގުޅޭ ސިޔާސީ މީހުން ނުހިމަނާ. އަޅުގަޑު ގެ ސަރުކާރުން ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރާނެ. އޭރުން ސިޔާސީ މަޤާމް ތަކަށް އެ ކުންފުނި ތަކުގައި ޖާގަ އެއް ނޯންނާނެ.

29. މަޖުލިހުގެ މާލިއްޔަތު ކޮމިޓީއަށް އެންގުމަކާ ނުލާ، މަޖުލިހުގެ ހުއްދަ ނެތި، ތަރައްޣީގެ ނަމުގައި، ދައުލަތަށް ބޮޑެތި ލޯނު ނެގޭގޮތަށް އޮތްއޮތުން އަލުން ބަދަލުކޮށް، މަޖުލިހުގެ ހުއަދަ ނެތި، ތަރައްޤީގެ ނަމުގައި، ދައުލަތަށް ބޮޑެތި ލޯނުނުނެގޭ ގޮތަށް ހައްދަވާނަންތޯ؟

ޖަވާބު: ތިކަން ކުރިން އޮތްގޮތަށް ބަދަލު ކުރާ ނަން.

30. ބިޑަށްނުލާ ރާއްޖޭގެ ރަށްތައް ވިޔަފާރި އުސޫލުން އަމިއްލަފަރާތްތަކަށް ކުއްޔަށްދެވޭގޮތަށް އޮތް އޮތުން ބަދަލު ކޮށް، ދައުލަތުން ކުއްޔަށްދޭ ހުރިހާ ރަށަކާއި ބިމަކާއި، އެފަދަ ހުރިހާ އެއްޗެއް ކުއްޔަށްދެވޭނީ، އަދި ވިއްކޭނީ އާއްމުކޮށް ބިޑަށް ހުޅުވާލައިގެން ކަމަށް ހެދުމަކީ ކިހާ މުހިއްމު ކަމެއްތޯ؟

ޖަވާބު: ދައުލަތުގެ އެއްވެސް ބިމެއް ނުވަތަ ރަށެއް ހުޅުވާލެވިފައިވާ ބިޑް އުސޫލުން މެނުވީ އަޅުގަޑުގެ ސަރުކާރުން ދޫނުކުރާނަން. އަދި އެ ފަދަ ބިޑަކަށް ވެސް ދައުލަތުގެ އިސްމަޤާމްގައި ހުރި އެއްވެސް މީހަކަށް ނުވަތަ އެފަދަ މީހެއްގެ ހިއްސާ އޮންނަ ކުންފުންޏަޔަކަށް ބިޑް ނުކުރެވޭނެ. އޭގެ ތެރޭގައި ވަޒީރުންނާ، ރައްޔިތުންގެ މަޖްލިސް ގެ މެންބަރުންނާ، މިނިވަން މުއައްސާތަކުގެ ވެރިންނާ، ފަޑިޔާރުން ހިމެނޭ.

31. ރާއްޖޭގެ ކޮންމެ ސިޓީ އެއްގައި އިސްލާމީ މަރުކަޒެއް ބިނާކުރުމަކީ ދީންކުރިއެރުވުމުގައި ކިހާ މުހިއްމު ކަމެއްތޯ؟

ޖަވާބު: އަޅުގަޑު ފުރަތަމަ އިސްކަންދޭނީ ދީނީ ޢިލްމުވެރިން އިތުރު ކުރުމަށް، އެމީހުންގެ ފެންވަރު މަތި ކުރުމަށް. އަދި ފަސޭހަ ކަމާ އެކު ދަތުރު ފަތުރު ކޮށް އަތޮޅުތެރެއަށް ދަތުރުކޮށް ދީނީ ނަސޭހަތްތައް އިތުރު ކުރުމަށް. (އިލްމުވެރިންގެ ދަތުރުފަތުރަށް ވަކި ޚާއްސަ ބަޖެޓެއް ކޮންމެ އަހަރަކު ކޮންމެ ކައުންސިލް އަކަށް ދޫކުރެވޭނެ.)

32. ފާޙިޝް އަމަލުތަކަށް މަގުފަހިވާފަދަ ވަހުޝީ އިންޓަރނެޓް ސައިޓުތަކަށް މިއިސްލާމީ ދިވެހި ޤައުމުގައި އެއެްވެސް ސެންސަރެއް، ހުރަހެއްނެތި ވަދެވޭ ވަދެވުން ކޮންޓްރޯލް ކޮށް، މިފަދަ ޕޯނޯގްރަފިކް އެއްވެސް ސައިޓަކަށް ރާއްޖޭގައި ނުވަދެވޭ ގޮތަށް އިންޓަރނެޓް ކޮންޓްރޯލް ކުރުމަކީ ދިވެހި އިސްލާމީ ޖީލުގެ ކުރިމަގު ސަލާމަތް ކުރުމަށްޓަކައި ކިހާ މުހިއްމު ކަމެއްތޯ؟

ޖަވާބު: 'ޕޯރން ސައިޓް' ތައް އަޅުގަޑު ބްލޮކް ކުރާ ނަން.

33. ފާޙިޝް އަމަލުތަކަށް މަގުފަހިވާފަދަ، ބޭއަދަބީ މަންޒަރުތައް ދައްކާ (ފެޝަންޓީވީ ފަދަ)، އަދި އެފަދަ ވާހަކަތައް ދައްކާ ކޭބަލްޓީވީ ޗެނެލްތައް މަނާކޮށް، ކޭބަލްޓީވީގެ ޤަވާއިދު ހަރުދަނާ ކުރުމަކީ، އިންޓަރނެޓް ކޮންޓްރޯލް ކުރުމާއެކުއެކީގަ ކުރަންޖެހޭ ހަމަ އެފަދަ މުހިއްމު ކަމެއްކަމުގަެި ޤަބޫލް ކުރަންތޯ؟

ޖަވާބު: ސައްތައިން ސައްތް އިސްލާމީ މުޖްތަމަޢެއްގައި ހުންނަން ޖެހޭ މިންގަޑަށް ތިފަދަ ކަންކަން ފައްތާ ނަން.

34. ރައްޔިތުންގެ މަޖުލީހުގެ މެމްބަރުންގެ އަދަދު، ރާއްޖޭގެ އާބާދީގެ ނިސްބަތުން ގިނަ ކަމުގައި ޤަބޫލް ކުރައްވަން ތޯ، އަދި މިއަދަދު މަދުކުރަން، ޤާނޫނަށް ގެނެވިދާނެ ބަދަލު ތަކަކީ ކޮބައިތޯ؟

ޖަވާބު: އަޅުގަޑުގެ 'ޕޮލިޓިކަލް ރިފޯރމް' ގެ ތެރޭގައި ތިކަން ހިމެނޭ. ރާއްޖޭގެ އާބާދީ އަށް ބަލާއިރު 50 އަށް ވުރެ މަޖްލިސް ގެ މެންބަރުން ގިނަ ވެގެން ނުވާނެ ކަމަށް އަޅުގަޑު ދެކެނީ.

35. މަޤާމްގަހުރި މަޖުލިސް މެމްބަރެއް ނުވަތަ ކައުންސިލަރަކާމެދު ދާއިރާގެ ރައްޔިތުންގެ ގިނަ ބަޔަކު ހިތްހަމަ ނުޖެހޭނަމަ، ދާއިރާގެ ވޯޓުލާ އުމުރުގެމީހުންގެ މަދުވެގެން ދެބައިކުޅަ އެއްބައި މީހުން ސޮއިކޮށް، އިލެކްޝަންސް އަށްޕެޓިޝަނެއް ހުށަހަޅައިފި ނަމަ، ދައުރުގެ މެދުތެރެއިންވެސް، އެދާއިރާގެ އިންތިހާބް އަލުން ބާއްވަން ލާޒިމްވާ ގޮތަށް ޤާނޫނުނު ބަދަލު ކުރުމަކީ މުހިއްމު ކަމެއްތޯ، އަދި މަނިކުފާނުގެ ސަރުކާރެއްގައި އެގޮތައް ޤާނޫނުނު ބަދަލު ކުރައްވާނަންތޯ؟

ޖަވާބު: އަޅުގަޑުގެ 'ޕޮލިޓިކަލް ރިފޯރމް' ގެ ތެރޭގައި ތިކަންވެސް ހިމެނޭ. 'ރިކޯލް ވޯޓް' އަޅުގަޑު ތަޢާރަފް ކުރާ ނަން. އަދި 'ޕާޓީ ވިޕް' އިން މެންބަރުން މިންޖު ކޮށްދޭނަން. މެންބަރުން ވޯޓު ދޭންވާނީ އެމެންބަރަކަށް ފެންނަ ގޮތަށް. ޕާޓީ ބުނާ ގޮތަކަށް ނޫން.

36. މެލޭޝިޔާފަދަ އިޤްތިސޯދީގޮތުން ކުރިއަރާފައިވާ އިސްލާމީ ބައެއް ޤައުމުތަކެކޭ އެއްފަދައިން، ހުކުރު ހޮނިހިރުގެ ބަދަލުގައި ހަފްތާބަންދު ދެދުވަހަކީ ހޮނިހިރު އާދީއްތަ ކަމުގައި ހަދައި، ހުކުރުދުވަހު ހެނދުނު 11.00 އިން 2.00 އަށް ހުކުރު ނަމާދުގެ ބްރޭކް ދިނުމަކީ އިޤްތިސޯދީ ނަޒަރަކުން ކޮންކަހަލަ ކަމެއް ކަމަށް މަނިކުފާނު ދެކެވަޑައިގަންނަވަންތޯ؟

ޖަވާބު: އަޅުގަޑު ޤަބޫލު ކުރާ ގޮތުގައި ތިކަން މިހާރު މިއޮތީ ރަގަޅަށް.

37. ޜާއްޖޭގެ ކޮންމެ ރައްޔިތަކަށް މަދުވެގެން 1000 އަކަފޫޓުގެ ބަންޑާރަ ބިމެއް ދައުލަތުންދޭންޖެހޭ ގޮތަށް ޤާނޫނު ބަދަލު ކޮށް، ހަޤީޤީ މާނައިގައިވެސް ރައްޔިތުން ބިންވެރި ކުރުވުމަކީ ކޮންކަހަލަ ކަމެއްތޯ، އަދި، އެއީ މަނިކުފާނުގެ ސަރުކާރެއްގައި ކުރައްވަފާނެ ކަމެއްތޯ؟

ޖަވާބު: ދިވެހިން ބިންވެރި ކުރުމާ ބެހޭ އަޅުގަނޑުގެ ސިޔާސަތު މިހާރު ވަނީ އެކުލަވާ ލެވިފަ. އެ ސިޔާސަތު ވަރަށްއަވަހަށް އިޢުލާން ކުރާ ނަން.

39. ކަރަންޓުގެ އަގު މިހާރަށްވުރެ ހެޔޮ ކުރުމަށް މަނިކުފާނު އަޅުއްވާނެ ފިޔަވަޅުތަކަކީ ކޮބައިތޯ؟

ޖަވާބު: ކަރަންޓް ގެ އަގޮ ބޮޑުވުމުގެ މައިގަޑު އެއް ސަބަބަކީ އިސްރާފާ ކޮރަޕްޝަން. އެކަން ހައްލު ކުރެވިއްޖެ ނަމަ މިހާރަށް ވުރެ އަގޮ ހެޔު ކުރެވޭނެ. އަދި ވަކިން ޚައްސަކޮށް ތެލަކީ ސަރުކާރުގެ ބަޖެޓަށް ފައިސާ ހޯދާދޭ ނުސީދާ ޓެކްސް ގެ ނިޒާމެއްގެ ގޮތުގައި މިހާރު މި އޮންނަ އޮތުމަށް ނިމުމެއް ގެންނާނަން.

40. ރިސޯރޓްތަކުގައި ވަޒީފާ އަދާ ކުރާ ދިވެހީންގެ ނިސްބަތް 50 އިން ސައްތައިގެ ބަދަލުގައި 60 އިން ސައްތައަށް އިތުރުކޮށް، އެޤަވާއިދު ފުރިހަމައަށް ތަންފީޒު ނުކުރާ ރިސޯރޓްތައް ބޮޑު އަދަދުން ޖުރިމަނާ ކުރުންފަދަ ހަރުކަށި ފިޔަވަޅު އަޅައި، މިކަން ފުރިހަމައަށް ތަންފީޒު ކުރުމަކީ މުހިއްމު ސިޔާސަތެއް ކަމަށް ޤަބޫލްކުރައްވަންތޯ؟

ޖަވާބު: މެދުފަންތީގެ އަދި މަތީ ފަންތީގެ ވަޒީފާ ތަކަށް ދިވެހިން ތަމްރީން ކޮށްގެން އެ ވަޒީފާ ތަކުގައި މުޅިން ދިވެހިން ގެންގުޅޭ ފަރާތްތަކަށް ވިޔަފާރީގެ ފައިދާ ގެ ޓެކްސް އަށް ލުއި ދީގެން، ރާއްޖޭގައި ހުރި މެދު އަދި މަތީ ފަންތީގެ ވަޒީފާތަށް ދިވެހިންގެ އަތްމައްޗަށް ބަދަލު ކުރުމަކީ އަޅުގަޑުގެ ސިޔާސަތު. އަޅުގަޑުގެ ޓެކްސް ސިޔާސަތުގައި މިކަން ހާމަ ކުރާނަން.

41. ބޭރުގެ މުއްސަންތީންނަށް އަމާޒުކަށް، މެޑިކަލް ޓޫރިޒަމަށާއި، ބޭރުގެ މުއްސަންތި އުމުރުންދުވަސްވީ މީހުން ރިޓަޔަރ ކުރާ ރިޓަޔަރމެންޓް ހޯމްފަދަ، އަދި ޝޮޕިންގ ކުރަން ބޭނުން ފަތުރުވެރިނަްނަށް ހާއްސަކޮށް ބޮޑު ޝޮޕިންގ މޯލްއާއި، ކޮންޑޮމީނިއަމްސް ހިމެނޭގޮތަށް މެގަ ރިސޯރޓެއް ހެދުމަކީ ފީސިބަލް ކަމެއްތޯ، އަދި އެއީ މަނިކުފާނު ކުރައްވަފާނެ ކަމެއްތޯ؟

ޖަވާބު: ސަރުކާރުން އަބަދުވެސް އިޤްތިސާދު 'ޑައިވާސިފައި' ކުރަން ހުރި ފުރުސަތު ތައް ބަލަމުން ގެންދާނީ. ތިބާވަތުގެ ހުރިހާ ކަމަކަށް ސަރުކާރުން ހިތްވަރުދޭނަން.

42. ކޮންފަރެންސް ޓޫރިޒަމް ރާއްޖެއަށް ތައާރަފް ކުރުމަށް، އަދި ހޮލީވުޑާއި ބޮލީ ވުޑްގެ ފިލްމު ޕްރޮޑިއުސް ކުރާ މީހުން ރާއްޖޭގައި ފިލްމު ނެގުން އިތުރުކޮށް، މޫވީ ޓޫރިޒަމް ރާއްޖެ ގެނައުމަށްޓަކައި ގެނެވިދާނެ އިންފްރާސްޓްރަކްޗަރ ބަދަލުތަކަކީ ކޮބައިތޯ؟

ޖަވާބު: ސަރުކާރުން އަބަދުވެސް އިޤްތިސާދު 'ޑައިވާސިފައި' ކުރަން ހުރި ފުރުސަތު ތައް ބަލަމުން ގެންދާނީ. ތިބާވަތުގެ އެއްވެސް ހުށަހެޅުމެއް ސަރުކާރަށް ލިބިއްޖެނަމަ ސަރުކާރުން އިންސެންޓިވްސް ދީގެން ތިޔަ އިންޑަސްޓްރީ ގެންނާނަން.

43. އިންޓަރނޭޝަނަލް ސްޕޯރޓްސް ޓޫރިޒަމް ރާއްޖޭގައި ކިހާވަރަކަށް ކުރިއެރުވިދާނެ ކަމަށް ޤަބޫލް ކުރައްވަންތޯ؟

ޖަވާބު: ތިޔައީ ފީސިބިލިޓީ އެއް ހަދަންޖެހޭ ދާއިރާ އެއް. ޔޮޓިންގް އާއި ރާާޅާ އެޅުން ފަދަ މޫދުގެ ކުޅިވަރު ތަކަށް ޓޫރިޒަމް ޑަިއވަރސިފައި ކުރެވިދާނެ.

43. އައޫޓް ޕޭޝަންޓް އަދި އިންޕޭޝަންޓް ވެސް ހިމެނޭގޮތަށް، ހުރިހާ ދިވެހި ރައްޔިތުނަނަށް ހުސްނުވާ އާސަންދަ ދިނުމަކީ މާލީގޮތުން ރާއްޖެއަށް ކެރިކުޅަދާނަވާނެ، އަދި ކުރެވިދާނެ ކަމެއްކަމަށް ޤަބޫލްކުރަންތޯ؟

ޖަވާބު: މާލީ ގޮތުން ވަރަށް ބޮޑު ގޮންޖެހުން ތަކެއް ހުންނާނެ. މިހާރު މިއޮތް މޮޑެލް އަކީ ވަރަށް ލީކޭޖް ބޮޑު މޮޑެލް އެއް. ލީކް ތައް ފޫބައްދަންޖެހޭ، އާދައިގެ ރައްޔިތުންނަށް އަސަރުނުފޯރާ ގޮތަށް.

44. އައި.ޛީ.އެމް.އެޗް، އޭ.ޑީ.ކޭ އަދި ޓްރީޓޮޕް ހޮސްޕީޓަލްގެ ފެނަވަރުގެ އިތުރު 2 ހޮސްޕިޓަލް ރާއްޖޭގެ އުތުރާއި ދެކުނުގައި ހެދުމަށްފަހު، ބޭރުގެ ހޮސްޕިޓަލްތަކަށް އާސަންދަ ދިނުން މުޅިން ހުއްޓާލުމަކީ މަނިކުފާނު ޤަބޫލު ކުރައްވާ ސިޔާސަތެއްތޯ؟

ޖަވާބު: އަައްޑު އަތޮޅާ ކުޅުދުއްފުށީ ހޮސްޕިޓަލް ގެ ފެންވަރު ރަގަޅު ކުރެއްވިއްޖެ ނަމަ އެކަން ކުރެވިދާނެ. ނަމަވެސް އެވާނީ ދުރުރާސްތާގެ ޕްލޭން އަކަށް.
45. ސުޕާރީ، އެނާޖީ ޑްރިންކް އަދި ސިގިރޭޓްގެ ނުރައްކަލުން ދިވެހި ރައްޔިތުން، ހާއްސަކޮށް ޒުވާނުން ސަލާމަތް ކުރުމަށްޓަކައި މަނިކުފާނުގެ ސަރުކާރެއްގައި އަޅުއްވާނެ ފިޔަވަޅުތަކަކީ ކޮބައިތޯ؟

ޖަވާބު: ތިކަމަށް ހޭލުން ތެރިކަން އިތުރު ކޮށް، ވަކިން ޚާއްސަކޮށް ސިގިރެޓާ، ސީޝާ ގެ ނުރައްކާ ތެރިކަން ބުނެދެވޭނެ. މަސްތުވާ އެއްޗެއްސާ ދެކޮޅަށް މުޅި ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި އަޅުގަޑު ކެމްޕޭނެއް ހިންގާ ނަން. އެ ކެމްޕޭން ގެ ތެރޭގައި ސިގިރޭޓް އާއި ސީޝާ ހިމެނޭ.

46. އުމުރުން 65 އަހަރުން މަތީގެ މީހުނަނަށް ދައުލަތުން މަހަކުދޭ 5000 ރުފިޔާ އަކީ އެކަށެނަ އަދަދެއްތޯ، ނުަަވތަ އެއަދަދު ބޮޑު ކުރަން ފެނޭތޯ؟

ޖަވާބު: އަޅުގަޑު ދެކޭ ގޮތުގައި 65 އަހަރުގެ މިންގަޑަށް ބަދަލެއް ގެންނަން ޖެހޭ. އެ ބަދަލަކީ ފިރިހެނުންނަށް 65 އަދި އަންހެނުންނަށް 62 އަހަރު އޮތުން. އަދި އަންހެނުްނަށް ދެވޭ އިނާޔަތް 5500 އަށް ބަދަލު ކުރުން. ސަބަބަކީ އަންހެނުން ދުވަސްވުމުން ނިކުންނަ މައްސަލަ ތަކަކީ ފިރިހެނަކަށް ވުރެ މާ އުދަގޫ މައްސަލަ ތަކެއް. މިބާވަތުގެ ކަންކަމުގައި އަންހެނުނާ ފިރިހެނުން ހަމަހަމަ ކުރުމަކީ އެންމެ ރަގަޅު ގޮތެއް ނޫން.