Last Updated: April 19, 17:23
Friday, April 19, 2024
ރިޕޯޓް

އެފްސީ ބޭރުމަތި؛ ނާޒިއުއާ އެކު ދެއްކީ ރީތި ނަމޫނާއެއް

މުހައްމަދު ނާޒިއު(ބޭބެ) އެފްސީ ބޭރުމަތި ޓީމުގެ ކުޅުންތެރިންނާއި އެކު. ބޭރުމަތި ޓީމުން ބުނާ ގޮތުގައި އޭނާ އަކީ ޓީމުގެ ލީޑަރެއް.

ކުޅިވަރު ޓީމުތައް އެކުލަވާލާ އިރު އަބަދުވެސް އެ ހިސާބުގަނޑެއް ނުވަތަ ރަށަކަށް ނިސްބަތްވާ އެންމެންގެ ބައިވެރިވުން ވަރަށް ބޮޑަށް އޮވެއެވެ. އެންމެ ކުޑަކުއްޖާ އިން ފެށިގެން އުމުރުން އެންމެ ދޮށީ މީހާ އާއި ހަމައަށް އެ ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އާއްމު ގޮތެއްގައި ކަން ހިނގާ އުސޫލެވެ.

ދާދި ފަހުން ނިމިގެން ދިޔަ ގޯދިއްޔާ ފުޓްސަލް މުބާރާތުގައި ހިތަދޫ އެފްސީ ބޭރުމަތިން ވަނީ ވަރަށް ފުރިހަމަ ނަމޫނާއެއް ދައްކައި ދީފައެވެ. އެޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ ކުރީ ސަފުން ޚާއްސަ އެހީއަށް ބޭނުންވާ ޒުވާނެއް ކަމަށްވާ މުހައްމަދު ނާޒިއު(ބޭބެ) އަށް ޖާގަ ދިން މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.

އެފްސީ ބޭރުމަތި ޓީމުގެ ކުޅުންތެރިންގެ ޓީމް ފޮޓޯގައި ވެސް އަބަދުވެސް ނާޒިއު ބައިވެރިކުރޭ.

އެފްސީ ބޭރުމަތި ޓީމުން ކޮންމެ އަހަރަކު ވެސް ޓީމުން ނާޒިއު އަށް ޖާގަ ދެނީ އޭނާ އެކަމަށް ހުންނަ ޝައުގުވެރިކަމެއް ބޮޑު ކަމުންނެވެ. ކޮންމެ މެޗެއް ފެށުމުގެ ކުރިން އަދި މެޗަށް ފަހު ވެސް ނާޒިއުގެ ފަރާތުން ލިބޭ ހިތްވަރަކީ ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކުރުމަށް ބޭރުމަތި ޓީމަށް ލިބުނު ހިތްވަރެއް ކަމަށް އެޓީމުން ފާހަގަކުރެއެވެ.

"ހަގީގަތުގައި ވެސް ބޭބެގެ (ނާޒިއު)ގެ ފަރާތުން ވަރަށް ބޮޑު ހިތްވަރެއް ލިބޭ. އޭނާ އަކީ ޓީމުގެ މައި ތަނބޭ ބުނުން ގޯހަކަށް ނުވާނެ. މިއީ ފުރަތަމަ ފަހަރެއް ނޫން މިގޮތަށް ބޭބެ އަހަރުމެންނާއި އެކު ބައިވެރިވި" ބޭރުމަތި ޓީމުގެ އޮފިޝަލެއް.

ގޯދިއްޔާ މުބާރާތުގެ ޗެމްޕިއަންކަން ލިބުމުން ނާޒިއު ބޭރުމަތި ޓީމުގެ ކުޅުންތެރިންނާއި އެކު އުފާ ފާޅުކުރަނީ.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން މުހައްމަދު ނާޒިއު(ބޭބެ) ގެ އާއިލާގެ މެންބަރަކު ބުނި ގޮތުގައި، ނާޒިއު އަކީ ފުޓްބޯޅައަށް ވަރަށް ޝައުޤުވެރިކަން ހުންނަ ޒުވާނެއް ކަމަށެވެ. އަދި އަބަދުވެސް 'ކިނބިވައު' ހިސާބުގައި ފުޓްބޯޅަ އަދި ފުޓްސަލް ޓީމެއް އެކުލަވާލިޔަސް ނާޒިއު ބައިވެރި ކުރާ ކަމަށެވެ.

"މި ހިސާބުގެ ކުދިން ކޮންމެ ކުޅިވަރެއްގައި ބައިވެރިވިޔަސް އެކަމުގައި ނާޒިއު ބައިވެރި ކުރާނެ. އޭނާ ވެސް ވަރަށް ޝައުޤުވެރިކަން ހުރޭ. އާއިލާއިން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން އެފްސީ ބޭރުމަތި ޓީމާއި މި ހިސާބުގެ ހުރިހާ ޒުވާނުންނަށް." ނާޒިއުގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މެންބަރަކު ބުންޏެވެ.

"ބޭރުމަތި ޓީމުގެ އެކަންޏެއް ނޫން، އޭނާ އަކީ ހަގީގަތުގައި މުޅި އައްޑޫގެ ހުރިހާ ޒުވާނުންނަށް ވެސް އިންސްޕިރޭޝަނެއް. ﷲ އެ ޒުވާނާއަށް ހެޔޮ ރަޙްމަތް ލައްވާށި." ހިތަދޫގެ ކުރީގެ ކައުންސިލަރަކު ބުންޏެވެ.

ގޯދިއްޔާ ފުޓްސަލް މުބާރާތުގެ މެޗެއްގައި ނާޒިއު އެފްސީ ބޭރުމަތި ޓީމުގެ ބެންޗްގައި.

ގޯދިއްޔާ ފުޓްސަލް މުބާރާތުގައި މިފަހަރު އެފްސީ ބޭރުމަތިން ކުޅުނު މެޗްތަކުގައި ލަނޑު ޖެހި ކޮންމެ ފަހަރަކު އެންމެ ފުރަތަމަ ފުއްމައިގެން ތެދުވެ އުފާ ފާޅުކުރަނީ ވެސް ނާޒިއުއެވެ. އެ މަންޒަރުން އެކަނި ވެސް ނާޒިއުގެ ހިތުގައި ޓީމަށް އޮތް ލޯބި ހާމަވެއެވެ.

ކޮންމެ އަކަސް އެފްސީ ބޭރުމަތި ޓީމުން ދައްކުވައިދިން މި ނަމޫނާ އަކީ އައްޑޫގެ އިތުރުން ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ވަރުގަދަ މެސެޖެކެވެ. ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަކީ މުޖްތަމަޢުގައި ބޭކާރު ބައެއް ނޫންކަމެވެ. އެމީހުންނަކީ ވެސް މުޖްތަމަޢު އަށް މުހިއްމު ބައެއްކަން ދައްކުވައި ދީފިއެވެ.