Last Updated: April 27, 08:54
Saturday, April 27, 2024
ޚަބަރު

އައްޑޫ ސިޓީ ޕޮލިހަށް ބަދަލުތަކެއް

* ގިނައިން ބަދަލުކުރަނީ އިންވެސްޓިގޭޝަން ދާއިރާގެ ފުލުހުން.

އައްޑޫގައި މަސައްކަތް ކުރާ ފުލުހުންތަކެއް.

އައްޑޫ ސިޓީގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ފުލުހުން އެހެން ރަށްތަކަށް ބަދަލު ކުރަން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ ޕޮލިހާއި ގަން ޕޮލިހުގައި މަސައްކަތް ކުރާ ބައެއް ފުލުހުން ބަދަލު ކުރުމަށް ހަމަޖެހިފައިވަނީ ގދ. އަދި ގއ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކަށެވެ. އަދި އައްޑޫން ފޮނުވާލާ ފުލުހުންގެ ބަދަލުގައި ގދ. އަދި ގއ. އަތޮޅުގައި މަސައްކަތް ކުރާ ފުލުހުން އައްޑޫއަށް ގެންނާނެއެވެ.

އައްޑޫގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ފުލުހުން އެހެން ސަރަހައްދުތަކަށް ބަދަލުކުރުމަށް ނިންމާފައި ވާއިރު އައްޑޫ ސިޓީ އަށް އާ ކޮމާންޑަރެއް ވެސް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.

އައްޑޫ ސިޓީގައި މިހާރު ހުންނެވި ފުލުހުންގެ ކޮމާންޑަރަކީ ޖަމްޝީދު އަލީއެވެ. އޭނާގެ މަޤާމުގެ ޓާމް ހަމަވެގެން ދާދި ފަހުން ވަނީ އިތުރު ވެސް ކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަމްޝީދު ބަދަލުކުރަނީ މާލެ އަށެވެ.

އައްޑޫން ބަދަލުކުރާ ފުލުހުންގެ ތެރޭގައި ގިނައިން ހިމެނެނީ އިންވެސްޓިގޭޝަން ދާއިރާގައި މަސައްކަތް ކުރާ ފުލުހުންނެވެ.

އައްޑޫ ސިޓީ ޕޮލިހަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައި މިވަނީ ބައެއް ފުލުހުންނާއި އައްޑޫގައި ހަރަކާތްތެރިވާ ގްރޫޕްތަކާއި ގުޅުން އޮންނަކަމަށް އާއްމުން ތުހުމަތު ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.