Last Updated: July 1, 14:02
Wednesday, July 1, 2026
ވިޔަފާރި

އައްޑޫގައި 100 ޓަނުގެ އައިސް ޕްލާންޓެއް ހަދަނީ

އައްޑޫގައި 100 މެޓްރިކް ޓަނުގެ އައިސް ޕްލާންޓެއް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އިން ބުނެފި އެވެ.

ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުއްތަލިބު ވިދާޅުވީ އައްޑޫގެ މަސްވެރިންނަށް ކުރިމަތިވެފައިވާ އައިސް ނުލިބުމުގެ މައްސަލަ އަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެ ކުންފުނިން ގާއިމް ކުރާ އައިސް ޕްލާންޓަށް ގާތްގަޑަކަށް 10 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ.

އޭނާ ވިދާޅުވީ އައިސް ޕްލާންޓް ހެދުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އިއްލާންކޮށްފައިވާ އިރު ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި މަސައްކަތް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މީގެ ކުރިން ކޫއްޑޫން ވަނީ އައްޑޫގައި މަސް ބަންދު ކުރާ ކާރުހާނާއެއްގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ކޫއްޑޫ އަދި ވިލިގިލީގައި މުޒާހަރާ ފެށުމުން އެކަން ވަނީ ހުއްޓާލާފަ އެވެ. އަދި ފަހުން ކޫއްޑޫން ބުނެފައި ވަނީ މަސް ބަންދު ކުރާ ކާރުހާނާއަކުން އެ ކުންފުންޏަށް ފައިދާ ނުވާނެ ކަމަށެވެ.

އައްޑޫގައި އައިސް ޕްލާންޓެއް ހަދާނެ ކަމަށް ޖުމްހުރީ ޕާޓީގެ ރިއާސީ ކެންޑިޑޭޓް އަދި މަޝްހޫރު ވިޔަފާރިވެރިއާ ގާސިމް ވެސް ވަނީ ވައުދުވެފަ އެވެ. ނަމަވެސް އަދި މިހާތަނަށް އެ މަޝްރޫޢު ފެށިފައި ނުވެ އެވެ.