ދިވެހިރާއްޖޭގައި މިނިވަން ރިޔާސީ އިންތިޚާބެއް ބޭއްވުމަށް، އިންޑިއާގެ އެހީތެރިކަން ބޭނުންވާ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މިހާރުގެ ހާލަތު އޮތްގޮތުން މިނިވަން ދެފުށް ފެންނަ ރިޔާސީ އިންތިޚާބެއް ނުބޭއްވޭނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވަނީ އިންޑިއާގެ ޓީވީ ޗެނަލަކަށް ދެއްވި ބަސްދީގަތުމުގައި ވަނީ ވިދާޅުވެފައެވެެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެ މަނިކުފާނު ކާމިޔާބު ކުރެއްވި ނަމަވެސް ރިޔާސީ އިންތިޚާބަށް ކުރިމަތިނުލެވޭ ގޮތް ހަދާފައިވާ ކަމަށެވެ.
އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އިންޑިއާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ނަޝީދު ވަނީ ވިދާޅުވިއެވެ. އިންޑިއާ އިން މިކަމުގެތެރެއަށް ވަދެ އިންތިޚާބުގެ މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ފާއިތުވި ދެ އަހަރު ތެރޭގައި ރައީސް ޔާމީން ވަނީ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީއެއްގެ ލީޑަރުން ހައްޔަރުކޮށްފައި ކަމަށް ނަޝީދު ވިދާޅުވިއެވެ. މަޖިލީހުގެ މެމްބަރުންނާއި ސްޕްރީމް ކޯޓުގެ ޖަސްޓިސް ސިސްޓަމް އެއްކޮށް ބާރު ކަނޑުވާލާފައިވާ ކަމަށާއި ސިފައިން ބޭނުން ކޮށްގެން މަޖިލީހަށް ބާރުވެރިވެފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މި ފަހަކަށް އައިސް އިންޑިއާ އާއި ރާއްޖެއާއި ދެމެދު ދެކެވޭ އެންމެ މުހިންމު ވާހަކަ ކަމަށްވާ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރުތައް ފޮނުވާލަން ވެގެން އެ ގެންދިޔުމަށް އިންޑިއާއަށް އަންގާފައިވާ މައްސަލައާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެކަން އެގޮތަށް ކުރަމުންދަނީ ޗައިނާގެ ނުފޫޒުން ކަމަށެވެ. ޗައިނާއިން ރާއްޖެއަށް އަތްގަދަ ކުރަމުންދާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. މިކަމާއި ގުޅިގެން އެމަނިކުފާނު އިތުރަށް ވިދާޅުވީ އެކަމަކީ އިންޑިއާ ކަނޑުގެ ސަރަޙައްދަށް އޮތް ބިރެއް ކަމަށެވެ.
ރައީސް ނަޝީދު މި ބީދައިން ވާހަކަ ދައްކަވާފައިވާއިރު ފަހަކަށް އައިސް ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުވަމުންދާ ކަމަށް އެ ޤައުމުގެ ބައެއްް ނޫސް ތަކުންވެސް ވަނީ ރިޕޯޓް ކޮށްފައެވެ. އޭގެ ސަބަބެއް ކަމުގައި އެ ނޫސްތަކުންވެސް ބުނަމުންދަނީ ޗައިނާއާއި ރާއްޖޭގެ ބަދަހިވަމުންދާ ގުޅުމެވެ.