Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

އަނެއްކާ ވެސް މަސްޖިދުލް ޙަރަމްގައި މަރެއް

މި މަހުގެ 15 ދުވަހު މައްކާގެ މަސްޖިދުލް ޙަރަމްގައި ދެވަނަ މީހަކު އަމިއްލަ އަށް މަރުވެއްޖެއެވެ.

ގަލްފް ނިއުސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޙަރަމްފުޅުގެ ފުރަތަމަ ފަންގިފިލާގެ ފެންސް މަތިން ފުންމާލާ އަމިއްލައަށް މަރުވެފައިވަނީ ބަންގްލަދޭޝްގެ މީހެކެވެ. މިމަހުގެ 8 ވަނަ ދުވަހުވެސް ހަރަމްފުޅުގައި ފްރާންސްގެ މީހަކު ވަނީ އަމިއްލައަށް މަރުވެފައެވެ.

މިމަހުގެ 15 ވަނަ ދުވަހަކީ ސައޫދީ އަރަބިޔާއަށް ޢީދު ދުވަހެވެ. މަރުވި މީހާ ފުރަތަމަ ފަންގިފިލާގެ ފެންސް މަތިން ފުންމާލައިގެން ގޮސް ޖެހުނީ ގެފުޅުގެ ވަށައިގެން ޠަވާފްކޮށް ނަމާދު ކުރުމަށް އިން ފަންސާސް ވަރަކަށް އަހަރުގެ ސޫދާން ފިރިހެނެއްގެ ގައިގައެވެ. އެގޮތަށް ޖެހުމުގެ ސަބަބުން ނަމާދު ކުރަން އިން ފިރިހެންމީހާގެ ބައެއް ކަށިތައް ބިންދައިގެން ގޮސް ބޮޑެތި ޒަޚަމްތައް ވަނީ ލިބިފައެވެ.

ހާދިސާއަށް ފަހު އެ ދެމީހުންވެސް ވަނީ ކައިރީގައި ހުރި އަޖްޔަދު ހޮސްޕިޓަލަށް ގެންދެވިފައެވެ. އަދި އެއަށްފަހު އެ ދެމީހުން ވަނީ ނޫރު ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުންމާލި މީހާ މަރުވުމަށްފަހު ފުލުހުން ކެމެރާތަކުގެ ރެކޯޑިންގ ބެލުމުން އެމީހާ އަމިއްލައަށް ފުންމާލާ މަރުވިކަން ވަނީ ކަށަވަރުވެފައެވެ.

އެމީހާ އުޅުނީ ކޮންމެ ކަހަލަ ދިރިއުޅުމެއްގައި ނަމަވެސް އަދި ޙާލަތު ކޮންމެ ގޮތަކަށް ތަންދިން ކަމުގައި ވިޔަސް އަމިއްލަ އަށް މަރުވުމަކީ ހައްލެއް ނޫނެވެ. އެއީ މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް ކަމެކެވެ.