ރާއްޖޭގައި މަސައްކަތް ކުރާ އިންޑިޔާ ރައްޔިތުންގެ ވިސާ އަދި ވޯކްޕާމިޓް އާ ނުކޮށްދިނުމާއި އިންޑިޔާ ރައްޔިތުންނަށް ވިސާ ނުދޭ މައްސަލަ ހައްލުކޮށްދިނުމަށް އިންޑިޔާގެ ކެރަލާގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން އިންޑިޔާ ސަރުކާރަށް ގޮވާލައިފިއެވެ.
ވިޖަޔަން އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ، ސުޝްމާ ސުވަރާޖްއަށް ފޮނުވި ސިޓީއެއްގައި ރާއްޖޭގައި މަސައްކަތް ކުރާ އިންޑިޔާ ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯއްދަވައި ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
އެގޮތުން 30،000 އިންޑިޔާ ރައްޔިތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިންވެސް ގިނައީ ކެރެލާ ސްޓޭޓުގެ ރައްޔިތުން ކަން ވިޖަޔަން ފާހަގަކުރެއްވިއެވެ. ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އިންޑިޔާ ރައްޔިތުން ގިނަކަން ސިޓީގައި ވިޖަޔަން ފާހަގަކުރައްވާފައިވެއެވެ.
އަދި އިންޑިޔާ ރައްޔިތުންނަށް ފަހަކަށް އައިސް ރާއްޖޭގައި މަސައްކަތް ކުރުމަށް ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަން ފާހަގަ ކުރައްވައި ވިޖަޔަން ބުނެފައިވަނީ މީގެ ކުރިން އެއް ހަފްތާ ތެރޭ ވިސާ އިންޑިޔާ ރައްޔިތުންނަށް ލިބުނު ކަމުގައި ވިޔަސް، މިހާރު ވިސާ ނުލިބިގެން އެތައް ރައްޔިތުންނެއް ޝަކުވާ ހުށައަޅަމުން އަންނަ ކަމަށެވެ.
އަދި އެފަދަ މައްސަލަތައް ދިމާވާތީ ރާއްޖޭގައި މަސައްކަތް ކުރުމަށް ދަތިވަމުން އަންނަ ކަމަށް އިންޑިޔާ ރައްޔިތުން އަންނަނީ ބުނަމުންނެވެ. ރާއްޖެ އާ އިންޑިޔާއާ ދެމެދު މައްސަލައެއް ނެތް ކަމަށް ސަރުކާރުން ބުނެފައިވާއިރު މިކަމާ ގުޅިގެން އިމިގްރޭޝަނުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.