Last Updated: April 20, 19:35
Saturday, April 20, 2024
ރިޕޯޓް

އައިޓީ ޕާކްގެ ވައުދަށް 1685 ދުވަސް؛ މިކަން ވާނެތަ؟

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އައްޑޫގެ ޒުވާނުންނަށް ޤާއިމްކޮށްދެއްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންނެވި އައިޓީ ޕާކު ވުޖޫދަށް ނައިސް އެމަނިކުފާނުގެ ދައުރު ވެސް ނިމެނީއެވެ. އައިޓީޕާކު ވީތަނެއް އެނގޭ ވަޒީރެއް، ކޯޑިނޭޓަރެއް އަދި އެކްޓިވިސްޓެއް ވެސް ނެތެވެ.

އެހެން ނަމަވެސް އެމީހުން ދައްކަނީ "2018 ޔަގީން" ވާހަކައެވެ. އަދި "ޒުވާނުންގެ ރައީސް"ގެ ވާހަކަ އެވެ.

އައްޑޫ ސިޓީގެ ޒުވާނުންނަށް އައިޓީ ޕާކެއް ޤާއިމްކޮށް ދެއްވާނެ ވާހަކަ ރައީސް ޔާމީން ވިދާޅުވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައެވެ. އޭރު އެމަނިކުފާނު ވިދާޅުވެފައި އެކަމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށެވެ.

ކިތަންމެ ފަސޭހައިން ކުރެވޭނެ ކަމަކަށް އޭގެ ފަހުން 1685 ދުވަސް ވެގެން ދިޔައިރު ރައީސް އަބްދުﷲ ޔާމީން އަދި އެމަނިކުފާނުގެ ސަރުކާރުގެ ވުޒާރާއަކުން ވެސް އައިޓީ ޕާކެއްގެ ވާހަކަ ނުދައްކައެވެ.

އައްޑޫ ޒުވާނުން ކުރާ ސުވާލުތަކަކީ މިއެވެ. ރައީސް ޔާމީންގެ ވެރިކަން ނިމެން ބާކީ އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އެމަނިކުފާނަށް އައްޑޫ ޒުވާނުންނަށް އައިޓީ ޕާކެއް ޤާއިމްކޮށް ދެވިދާނެ ހެއްޔެވެ؟ ނުވަތަ އެންމެ ކުޑަމިނުން އެ އައިޓީ ޕާކުގެ ނަން ވެސް ވިދާޅުވާ އަޑު އިވިދާނެ ހެއްޔެވެ؟