Last Updated: March 29, 17:30
Friday, March 29, 2024
ރިޕޯޓް

އައްޑޫގައި އެންމެ ޓޫރިސްޓް އެނދެއް ވެސް އިތުރެއް ނުވި!

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ކެމްޕެއިން ކުރައްވަމުން ގެންދެވިއިރު އައްޑޫގެ ރައްޔިތުންނަށް ތަފާތު އެކި ހުވަފެންތައް ދެއްކެވިއެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާޢަތަށް އައްޑޫ ހުޅުވާލާނެ ކަމުގެ ވަޢުދު ވެސް ހިމެނެއެވެ.

ރިޔާސީ ކެމްޕެއިންގެ ތެރޭގައި އައްޑޫގައި "ބިން ހިއްކައިގެން ނަމަވެސް ފަތުރުވެރިކަމުގެ އެނދުތައް އިތުރުކުރާނެ" ކަމަށް ބުނެ ރައީސް ޔާމީނުގެ ރަނިން މޭޓު ވާހަކަދެއްކެވިއިރު ރައީސް ޔާމީން އަތް ޖައްސަވަން އިންނެވިއެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސް ޔާމީންގެ ސަރުކާރުން ވަނީ އައްޑޫގައި ފަތުރުވެރިކަމާއި ގުޅޭ ތަފާތު 2 ޕްރޮޖެކްޓެއް އިފްތިތާޙް ކުރައްވާފައެވެ. އެންމެ ފުރަތަމަ އެމަނިކުފާނު އަމިއްލަފުޅަށް އިފްތިތާޙް ކުރެއްވި އިސްމެހެލާ ހެރަ ޕްރޮޖެކްޓެވެ.

2015 ވަނަ އަހަރު އިސްމެހެލާ ހެރަ ޕްރޮޖެކްޓް އިއުލާންކުރި ނަމަވެސް، އެ ޕްރޮޖެކްޓް ބަޔަކާއި ހަވާލުކުރެވޭ ވަރު ވީ އޭގެ އެތައް ދުވަހެއް ފަހުންނެވެ. މިއަހަރުގެ އޮކްޓޯބަރު މަހަށް އިސްމެހެލާ ހެރަ ހުޅުވޭނެ ކަމަށް ސަރުކާރުގެ ވެރިން ވިދާޅުވަމުން ގެންދެވި ނަމަވެސް އެކަން ވާނެ ކަމުގެ އުއްމީދެއް އައްޑޫ ރައްޔިތުންނަކަށް ނެތެވެ.

ދެން އޮތީ 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް އައްޑޫގައި ރައީސް ޔާމީންގެ ސަރުކާރުން އިއުލާންކުރި، ގެސްޓް ހައުސް މަޝްރޫޢެވެ. ރަސްމިއްޔާތު ކިތަންމެ "ބިޔަކޮށް" ބޭއްވި ނަމަވެސް އެމަޝްރޫޢުގެ އެއްވެސް މަސައްކަތެއް މިއަދާއި ހަމައަށް ވެސް ނުފެށެއެވެ.

ގެސްޓް ހައުސްގެ ބިޔަ މަޝްރޫޢާއި ބެހޭގޮތުން ސަރުކާރުގެ ވުޒާރާ އަކުން އަދި އެމްއައިޓީޑީސީ އަކުން ވެސް އެއްޗެއް ނުބުނެއެވެ. އެހެންވެ އައްޑޫގެ ގިނަ ރައްޔިތުން ބުނަމުން ދަނީ އެއީ ކައުންސިލް އިންތިޚާބާއި ދިމާކޮށް އައްޑޫ ރައްޔިތުންގެ ލޮލުގައި އަޅުވާލި އަނދުނެއް ކަމަށެވެ.

އަދި އައްޑޫގައި ފަތުރުވެރިކަން ކުރިއަރުވާނެ ކަމަށާއި ފަތުރުވެރިކަމުގެ އެނދު އިތުރުކުރާނެ ކަމަށް ބުނެ ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ދެއްކީ ހުސް ހުވަފެން ކަމަށެވެ.

އެހެން ނުބުނަން ޖެހޭ ސަބަބެއް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރަށް ދެއްކިފައެއް ނެތެވެ. އިންތިޚާބުތަކާއި ދިމާކޮށް މަޝްރޫޢުތައް އިއުލާންކުރި ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ނިމިގެން މިދަނީ އައްޑޫގައި ފަތުރުވެރިކަމުގެ އެންމެ އެނދެއް ވެސް އިތުރު ނުކުރެވިއެވެ.