ޕޮލިސް ރިޒާވް ފޯސް ނުވަތަ ސްޕެޝަލް ކޮންސްޓެބްލަރީ އަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފުތާގެ ތެރޭގައި ހުޅުވާލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
އެ ފޯސް އަންނަ މަހުގެ ތެރޭގައި އިފްތިތާހުކޮށް، ތަމްރީނުތައް ފަށާނެ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
ޕޮލިސް ވެބްސައިޓްގައި އާންމުކޮށްފައިވާ ވީޑިއޯ އިންޓަވިއުއެއް ސީޕީ ވިދާޅުވީ ފުލުހުންގެ ރިޒާވް ފޯސްގެ ގޮތުގައި ވަޒީފާ ދޭނީ ގްރޭޑް 10 ނިންމާފައި ތިބި ކުދިންނަށް ކަމަށާއި ސްޕެޝަލް ކޮންސްޓެބްލަރީ އަކީ ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި މަސައްކަތް ކުރާނެ ފޯސް އެއް ކަމަށާއި ފުލުހުންގެ ގާނޫނުން ލިބިދީފައިވާ ހުރިހާ ބާރުތަކާއި އިމްތިޔާޒުތައް ވެސް އެ ފޯސް އަށް ލިބިދޭ ކަމަށެވެ.
ކޮމިޝަނާ ވިދާޅުވީ ރިޒާވް ފޯސްގެ އެހީތެރިކަން ބޭނުން ކޮންމެ ހިނދެއްގައި ހޯދޭނެ ކަމަށާއި އެ ފޯސް ވެސް އޮންނާނީ ތަމްރީނާ ހުނަރު ލިބިގެން ކަމަށެވެ.
"ގާނޫނުން ހުއްދަކޮށްފައި އޮތް ނަމަވެސް އެއީ މިހާތަނަށް ނުކުރެވި އޮތް ކަމެއް. ރިޔާސީ އިންތިހާބުގެ ސަލާމަތާއި ރައްކާތެރި ކަމަށް ވެސް ގިނަ އަދަދެއްގެ ފުލުހުން ބައިވެރި ކުރަން ޖެހޭނެތީ ރިޒާވް ފޯސްއެއްގެ މުހިއްމުކަން ބޮޑު،" ސީޕީ ވިދާޅުވި އެވެ.