Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

އުމަރުގެ ވެރިކަމެއްގައި ޕޯން ސައިޓްތައް ބްލޮކް ކުރާނެ

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ވެރިކަމަށް އިންތިޚާބުކޮށްފި ނަމަ ފާޙިޝް އަމަލުތަކަށް މަގުފަހިވާ ފަދަ ބަރަހަނާ މަންޒަރުތައް ހިމެނޭ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތަށް ހަދާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ އުމަރު މިހެން ވިދާޅުވީ، 'އައްޑޫލައިވް'ގެ ކެޔޮނިރު ކޮލަމަށް ދެއްވި ޚާއްސަ އިންޓަވިއުގައެވެ.

އުމަރު ނަސީރު މިހެން ވިދާޅުވި އިރު 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އޭރުގެ ޕީޖީ މުހްތާޒް މުހުސިން ވަނީ ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް ހެދުމަށް ހޯމް މިނިސްޓަރަށް އެންގިއެވެ. އޭރު ހޯމް މިނިސްޓަރަކަށް ހުންނެވީ އުމަރު ނަސީރެވެ.

ޕީޖީ އިން ބަރަހަނާ ސައިޓްތައް ބްލޮކް ކުރުމަށް އެންގުމުން އުމަރު ވަނީ 2015 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ބަރަަހަނާ މަންޒަރު ދައްކުވައިދޭ ވެބްސައިޓްތައް ބްލޮކް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް އެ މަސައްކަތާއި ބެހޭ އިތުރު ތަފްސީލެއް އުމަރު މަޤާމުން އިސްތިއުފާ ދެއްވުމާއި ހަމައަށް ދެއްވާފައެއް ނުވެއެވެ.

ރާއްޖޭގައި ބަރަހަނާ ސައިޓްތައް ބްލޮކް ކޮށްފައި ނުވާތީ ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު ފަހުގެ ތާރީޚުގައި ބްލޮކްކޮށްފައިވަނީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމާއި ދެކޮޅަށް ހިންގި "ދިވެހި އޮބްޒާވަރ" އަދި 'އައްޑޫލައިވް' ނޫހެވެ.

2015 ވަނަ އަހަރުގެ ތެރޭގައި 'އައްޑޫލައިވް' ނޫސް ބްލޮކް ކުރީ، އޭރު ސަރުކާރުގެ ނުފޫޒުގަދަ މަޤާމުތަކުގައި ތިބި ބައެއް ބޭފުޅުންގެ ފަރާތުން އިންޒާރުތަކެއް ދިނުމަށް ފަހުގައެވެ.