Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ފާރިސްގެ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން. - ފޮޓޯ: މޯލްޑިވްސް ޓައިމްސް

މިހާރު ޖަލުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ކުރާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި ވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާކުރަނީ ފާރިސް ބައިވެރިވި ޕްރެސްކޮންފަރެންސެއްގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ދިދަ ބޭނުންކުރި މައްސަލައެއްގައެވެ.

މިމައްސަލާގައި މީގެ ކުރިންވަނީ ދައުލަތުން ފާރިސްއާއި ދެކޮޅަށް ސިއްރު ހެކި ހުށައަޅާ ހެކިބަސް ނަގާފައިވާއިރު، ފާރިސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކޮށްފައިވަނީ ޕީޕީއެމްގެ ހުއްދަ ނެތިކަމަށްބުނެ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވާ ފޮނުވާފައިވާ ސިޓީއެއްވެސް ދައުލަތުން ވަނީ ހެކީގެ ގޮތުގައި ހުށައަޅާފައެވެ.

ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދިނުމާއި ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ފާރިސް މިހާރުވެސް ހުންނެވީ ފުލުހުންގެ ބަންދުގައެވެ.

ސްޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި މިނިވަން ކުރުމަށް އަމުރުކޮށްފައިވާ ނުވަ ބޭފުޅުންގެ ތެރޭގައި ފާރިސްވެސް ހިމެނިވަޑައިގަންނަވައެވެ.