މީގެ ތިން އަހަރު ކުރިން ރިލީޒްކޮށް ގިނަ އެވޯޑްތަކެއް ވެސް ހާސިލްކޮށްފައިވާ ދިވެހި ފިލްމް "ހެޕީ ބާތު ޑޭ" މި އަހަރުގެ ވެނިސް ފިލްމް ފެސްޓިވަލްގައި ބައިވެރިކޮށްފި އެވެ.
ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ނިއުމާ މުހައްމަދު ލީޑް ރޯލް ކުޅެފައިވާ ފިލްމާ ބެހޭ ގޮތުން އެ ފިލްމްގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ "ހެޕީ ބާތު ޑޭ" އިޓަލީގައި ބާއްވާ ވެނިސް ފިލްމް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީ ރާއްޖެ އަށް ޑޮކިއުމަންޓްރީއެއް ހަދަން އައި ބޭރުގެ ރައްޓެއްސެއްގެ ފަރާތުން ކަމަށެވެ.
އަަދި އޭނާގެ ފަރާތުން ލިބުނު ފުރުސަތާ އެކު "ހެޕީ ބާތު ޑޭ" އިނގިރޭސިން ސަބް ޓައިޓްލްކޮށް މިހާރު ވެނިސް އަށް ފޮނުވާފައިވާ ކަމަށް ވެސް މޮގާ ބުންޏެވެ.
އޭނާ ބުނީ ވެނިސް ފިލްްމް ފެސްޓިވަލްގައި ދެއްކުމަށް ޝޯޓްލިސް ކުރާ ފިލްމްތަކުގެ ތެރޭގައި "ހެޕީ ބާތު ޑޭ" ހިމެނޭކަން ވެސް މިހާރު ޔަގީންވެފައިވާ ކަމަށެވެ.
މިއީ ދިވެހި ފިލްމެއް ޔޫރަޕްގެ ފެސްޓިވަލެއްގައި ބައިވެރި ކުރި ފުރަތަމަ ފަހަރެވެ. ފެސްޓިވަލް އޮންނާނީ އޮގަސްޓް މަހުގެ ފަހުކޮޅު އެވެ.
ޑާކް ރެއިން އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކޮށްފައިވާ "ހެޕީ ބާތު ޑޭ" އަކީ ލޫދިފާގެ ޑައިރެކްޓަރު މުއުމިން ފުއާދުގެ ޑައިރެކްޝަނެކެވެ.