Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ވޯޓް މަރުކަޒުތައް ސާވޭ ކުރަން ފަށައިފި

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން – ފޮޓޯ: އިލެކްޝަންސް

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓްލާނެ މަރުކަޒުތައް ސާވޭ ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލާ މަރުކަޒުތަކުގެ ތެރޭގައި ގިނައީ ކުރިއެކޭ އެއްފަދައިން ސްކޫލްތައް ކަމަށާއި އެތަންތަން ސާވޭ ކުރަން ފަށާފައިވާ ކަމަށެވެ.

ވޯޓް މަރުކަޒުތަކުގެ ސާވޭ ފެށި އިރު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކާއި، ބައެއް ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްތަކުގެ އިތުރުން ބައެއް އުމުތަކުގައިވެސް ވޯޓު ފޮށި ބަހައްޓާނެ އެވެ.

އިންތިޚާބަށް ތައްޔާރުވުުގެ މަސައްކަތްތަކުގެ 85% މިހާރު ނިންމާފައިވާއިރު، އިންތިޚާބު މޮނިޓާ ކުރަން ބޭނުންވާ ރާއްޖެއާއި ބޭރުގެ ނޫސްވެރިންނަށް އެ ފުރުސަތު އީސީ އިން ވަނީ ހުޅުވާލާފަ އެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ ޖުލައި މަހުގެ 15 ދުވަހު ހުޅުވާލާއިރު، މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިޢުލާން ކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެލްޖީއޭގެ ކުރީގެ ނާއިބު ރައީސް ސުޖާއު ހުސައިނެވެ.