Last Updated: April 25, 09:23
Thursday, April 25, 2024
ޚަބަރު

މާލޭގެ ދެ ފިހާރައެއް ރޭ ފަޅާލައިފި

މަޖީދީ މަގުގައި ހުރި ފިހާރައަކުން ވައްކަންކޮށްގެން ފުލުހުން ހަރަކާތްތެރިވަނީ- ފޮޓޯ: ވީއެފްޕީ

ރޭ މާލޭގައި ދެ ފިހާރައެއް ފަޅާލައި ވައްކަން ކުރި މައްސަލައެއް ފުލުހުން ބަލައިފި އެވެ.

އެނގިފައިވާ ގޮތުގައި ރޭ ދަންވަރު ހަވީރީ ހިނގުމުގައި ހުންނަ 3 އެޗް މާޓުންނާއި ވައްކަންކޮށްފައިވާ އިރު މަޖީދީ މަގުގައި ހުންނަ ރަވާބީ ނަމަކަށް ކިޔާ ފައިވާން ފިހާރައެއްގެ ބިއްލޫރިގަނޑު ވެސް ވަނީ ފަޅާލާފައެވެ.

އޭގެ ތެރެއިން ހަވީރީ ހިނގުމުގައި ހުންނަ ތްރީއެޗް މާޓުން ވައްކަން ކުރުމުގެ ތެރޭގައި ފުލު އުމުރުން 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ޒުވާނާ އެ ފިހާރަ އިން ވައްކަން ކުރަން ވަދެ އުޅެނިކޮށް ހިފެހެއްޓީ އާއްމު މީހެކެވެ. ނަމަވެސް، އޭނާ އެ ފިހާރަ ތެރެއަށް ވަތް ގޮތެއް އެނގޭ ގޮތެއް އަދިއެއް ނުވެ އެވެ.

ތްރީއެޗް މާޓުން ވައްކަން ކުރި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ ރޭ ދަންވަރު 4:40 ހާއިރެވެ.

މީގެ އިތުރުން މަޖީދީ މަގުގައި ހުންނަ ރަވާބީ ނަމަކަށް ކިޔާ ފިހާރަޔަކުން ވައްކަން ކުރި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ ހެނދުނު 06:23 ގައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ފައިސާ އާއި ބައެއް ތަކެތި ގެންގޮސްފައިވާ ކަމަށާއި ނަމަވެސް އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މިހާރު އެ ދެ މައްސަލަ ވެސް އިތުރަށް ތަހުޤީޤު ކުރަމުންނެވެ.