Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

އާ ރަންވޭގެ ފަހު ތާރު ފަށަލަ އަޅަން ފަށައިފި

ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭގެ އެންމެ ފަހު ތާރު ފަށަލަ އަޅަން ފަށައިފި އެވެ.

ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ އާ ރަންވޭގެ ފަހު ތާރު ފަށަލަން އަޅަން ފެށީ އިއްޔެ ކަމަށާއި އެ މަސައްކަތް އެއް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެއެވެ.

މީގެ އިތުރުން އާ ރަންވޭގެ ފަހު ތާރު ފަށަލަ އެޅި ދުވަސް ތާރީހީ ދުވަހަކަށް ވެގެންދާނެ ކަމަށްވެސް އެމްއޭސީއެލް އިން ބުނެއެވެ.

ވެލާނާ އިންޓަނޭޝަލް އެއާޕޯޓް ގެ އާ ރަންވޭގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބާރ މަހުގެ ނިޔަލަށް ނިންމޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އެމްއޭސީއެލްއިން މީގެ ކުރިން ވަނީ ބުނެފައި ވާއިރު، އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ބީޔޫސީޖީއާއި އެވެ. އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެންމެ ފަހުން ވިދާޅުވި ގޮތުގައި، ރަންވޭގެ މަސައްކަތް އަންނަ އޮގަސްޓު މަހުގެ ތެރޭގައި ނިންމާލެވޭނެ އެވެ.

މި މަޝްރޫޢު ކުރިއަށްގެންދަނީ އާ ރަންވޭ ހަދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.