Last Updated: April 20, 11:49
Saturday, April 20, 2024
ކުޅިވަރު

ކޮސްޓަރީކާ އަތުން ސާބިޔާ އަށް ހަނި މޮޅެއް

ކޮސްޓަރީކާ ކޮޅަށް ލަނޑު ޖެހުމަށްފަހު ސާބިޔާގެ ކޮލަރޯވް އުފާފާޅުކުރަނީ. ފޮޓޯ: ރޮއިޓާސް

ސަމާރާ-ރަޝިޔާ: ފީފާ ވޯލްޑްކަޕް 2018ގެ ގްރޫޕް އީގައި ސާބިޔާ އާއި ކޮސްޓަރީކާ ބައްދަލުކުރި މެޗް ސާބިޔާއިން ކާމިޔާބުކޮށްފިއެވެ. 0-1 އިން ސާބިޔާ މިމެޗުން މޮޅުވީ އެލެކްސެންޑަރ ކޮލަރޮވް ދެވަނަ ހާފުގައި ކާމިޔާބުކުރި ލަނޑަކުންނެވެ.

ސާޅީސް އެއްހާހަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗްގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެފައި ވަނީ، ސާބިޔާއިންނެވެ. އެހެން ނަމަވެސް މިހާފުގައި ކޮސްޓަރީކާއިން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދާފައެވެ.

އެގޮތުން މެޗްގެ 3 ވަނަ މިނިޓްގައި ކޮސްޓަރީކާގެ މާކޯ އުރޭނާ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް އެ ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރިން ސާބިޔާގެ ޑިފެންޑަރުން ވަނީ ހުއްޓުވާފައެވެ.

މީގެ އިތުރުން ސާބިޔާއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިފައިވެއެވެ. އެގޮތުން މިލިންކޮވިޗް އަށް ސަވިޗް އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.

ފުރަތަމަ ހާފަށް ޖުމްލަގޮތެއްގައި ބަލާއިރު، ގިނައިން ހަމަލާ އުފައްދާފައި ވަނީ ކޮސްޓާރީކާއިންނެވެ. އެޓީމުން 5 ހަމަލާ ފޮނުވާލިއިރު ސާބިޔާއަށް ފޮނުވާލެވުނީ ތިން ހަމަލައެވެ. އަދި މިހާފުގައި ކޮސްޓަރީކާގެ ގުޅުންތެރިންގެ ފަރާތުން ގިނަ ފައުލްތަކެއް ފެނިގެން ގޮސްފައިވެއެވެ.

ދެވަނަހާފުފެށިތާ މާގިނަ އިރުތަކެއް ނުވަނީސް ސާބިޔާގެ އެލެކްސެންޑަރު މިޓްރޮވިޗަށް ހުސް ފުރުސަތެއްލިބި ބޭކާރުވެފައިވެއެވެ. އޭނާ ފޮނުވާލި ބޯޅަ ކޮސްޓާރިކާގެ ކީޕަރު ކޭލޯ ނަވާސް ވަނީ ހުށިޔާރުކަމާއިއެކު ދިފާއުކޮށްފައެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ސާބިޔާ އަށް ލީޑްނަގައިދިނީ ލިބުނު ހިލޭ ޖެހުމަކުން ކެޕްޓަން އެލެކްސެންޑަރް ކޮލަރޯވް އެވެ. ކޮލަރޯވްގެ މި ލަނޑަށް ފަހު ވެސް ސާބިޔާއަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތުތައް ލިބި ބޭކާރު ވެގެން ގޮސްފައެވެ.

ކޮސްޓަރީކާ އަތުން ލިބުނު މިމޮޅާއި އެކު 8 އަހަރުގެ މެދުކެނޑުމަކަށްފަހު ވޯލްޑްކަޕުން ފުރުސަތު ހޯދި ސާބިޔާއަށް ވަނީ ގްރޫޕްގެ 1 ވަނަ ލިބިފައެވެ.

މި ގްރޫޕްގައި ސާބިޔާ އާއި ކޮސްޓާރީކާގެ އިތުރުން ދެން ހިމެނެނީ ބްރެޒިލް އާއި ސުވިޒަލޭންޑެވެ. ބްރެޒިލް އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗް ފަށާނީ މިރޭ 11 ޖަހާއިރުއެވެ.