Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

މެސީ އަށް އެކަނި ވޯލްޑްކަޕް ކާމިޔާބެއް ނުކުރެވޭނެ: ކްރެސްޕޯ

އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ އަކީ މެރަޑޯނާ އެއް ނޫން ކަމަށާއި އޭނާއަށް އެކަނި މަސައްކަތުން ވޯލްޑްކަޕް ކާމިޔާބު ނުކުރެވޭނެ ކަމަށް އާޖެންޓީނާގެ ކުރީގެ ތަރި ހާނަން ކްރެސްޕޯ ބުނެފިއެވެ.

ކްރެސްޕޯ މިހެން ބުނެފައި ވަނީ، އައިސްލޭންޑާއި އާޖެންޓީނާ ބައްދަލުކުރި މެޗް އެއްވަރު ވުމަށް ފަހު މެސީއަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ކްރެސްޕޯ ބުނެފައިވަނީ އާޖެންޓީނާއިން ވޯލްޑްކަޕް ކާމިޔާބުކުރެވޭނީ މެސީއަށް އެހެން ކުޅުންތެރިންގެ ފަރާތުން އެހީތެރިކަން ލިބިގެން ކަމަށެވެ. އައިސްލޭންޑާއި އެކު އެއްވަރުވި މެޗްގައި އެފަދަ އެހީތެރިކަމެއް ނުލިބޭކަން ކްރެސްޕޯ ފާހަގަކުރިއެވެ.

""މެސީ އަކީ މެރަޑޯނާ އެއް ނޫން. އޭނާއަށް އެކަނި ވޯލްޑްކަޕް ކާމިޔާބެއް ނުކުރެވޭނެ. މިކަން އާޖެންޓީނާގެ ސަޕޯޓަރުންނާއި ކުޅުންތެރިން ޤަބޫލުކުރަންޖެހޭ" އާޖެންޓީނާގެ ޤައުމީ ޓީމުގެ ކުރީގެ ތަރި ބުންޏެވެ.

އައިސްލޭންޑްގެ މެޗުގައި މެސީ ދެއްކި ކުޅުމަށް ތައުރީފް ކުރަމުން ކްރެސްޕޯ ވަނީ އައިސްލޭންޑް މެޗްގައި އެހެން ކުޅުންތެރިންގެ ފަރާތުން މެސީއަށް އެހީތެރިކަން ނުލިބޭކަން ފާހަގަކޮށްފައެވެ.

" ކާކުތަ އައިސްލޭންޑާއި ދެކޮޅަށް އޭނާ(މެސީ)އަށް އެހީވީ. ޑިމަރިއާ އަށް އެންމެ ކުޅުންތެރިޔަކު ކަޓުވާލާފައި ވެސް ނުދެވޭ. މެދެތެރެއަށް ކުޅުނު ކުޅުންތެރިން ވެސް ސަޕޯޓެއް ނުދޭ." ކްރެސްޕޯ ބުންޏެވެ.