Last Updated: April 20, 14:10
Saturday, April 20, 2024
ޚަބަރު

އާޒިމާއި ވަކީލު ފަރީދު ޖޭޕީ އަށް

އާދަމް އާޒިމް އާއި، މުހައްމަދު ފަރީދު މިރޭ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވަނީ - ފޮޓޯ: ޔޫސުފް ސޮފްވާން (ސޮއްޕެ)

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް އާއި ޤާނޫނީ ވަކީލް މުހައްމަދު ފަރީދު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކުރައްވައިފިއެވެ.

މިރޭ އާދަމް އާޒިމް ޖޭޕީއާއި ގުޅިވަޑައިގަތުމާއި ގުޅިގެން އޭނާ އަށް ވަނީ އެޕާޓީގެ ލީގަލް އެޑްވައިޒަރު ކަމުގެ މަޤާމް ދެއްވާފައެވެ.

ޖޭޕީއާއި ގުޅިވަޑައިގަތުމަށްފަހު ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ޖޭޕީއާއި ގުޅިގެން މިއަދު މިފަށަނީ އައު މަސައްކަތެއް ކަމަށެވެ. އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްއަކީ ޑިމޮކްރަސީގެ ބައްޕަކަމަށް ބުނުން ދޮގަކަށް ނުވާނެ ކަމަށާއި، އެކަން އެނގިގެންދަނީ މިއަދުވެސް ގިނަަ ދަަތިތަކަކާއެކު އެމަނިކުފާނު ދިވެހި ގައުމަށް ކޮށްދެއްވަމުން ގެންދަވާ މަސައްކަތް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ އޭނާ އާއި އޭނާގެ މުޅި އާއިލާވެސް ކުރިއަށްދާނީ، ޖޭޕީ އާއި ކޯލިޝަނުން ދިވެހި ޤައުމު އިސްލާހުކުރުމަށް ކުރަމުންދާ މަސައްކަތާއިއެކު ކަމަށެވެ. އަދި ސިޔާސީ މަސައްކަތަކީ އެންމެންގެ މަސައްކަަތެއް ކަމަށްވާއިރު، އެންމެވެސް އިޙްތިރާމާއިއެކު ކުރިއަށްދިއުން މުހިންމު ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމްއާއި ވަކީލު ފަރީދު ޕޭޖީއާއި ގުޅިވަޑައިގެންނެވި އިރު މީގެ ކުރިންވެސް ސިޔާސީ ބައެއް ފަރާތްތައްވަނީ ޖޭޕީއާއި ގުޅިވަޑައިގެންފައެވެ.