Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

އެމްޓީސީސީގެ ހިއްސާ އަންގާރަ ދުވަހު ދޫކުރުން ފަށަނީ

ފޮޓޯ: ޕީއެސްއެމް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ހިއްސާދާރުންނަށް މިދިޔަ އަހަރުގެ ފައިދާ އަންނަ އަންގާރަ ދުވަހު ދޫކުރަން ފަށާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެމްޓީސީސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެކުންފުނީގެ މިދިޔަ އަހަރުގެ ޙިއްޞާގެ ފައިދާ 19 ޖޫން 2018 ވާ އަންގާރަ ދުވަހުން ފެށިގެން ދޫކުރަމަށް ހަމަޖެހިފައިވާ ކަމަށާއި ހިއްސާއަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ، -/2.60 ރުފިޔާ ކަމަށެވެ.

އަދި 1981 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފައިދާ ނުނަންނަގަވާ ތިއްބެވި ޙިއްޞާދާރުން ފައިދާ ނުނަންގަވާ ހުރި އަހަރުތަކުގެ ފައިދާ ނެންގެވުމަށް އިލްތިމާސްކުރާ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

މީގެ އިތުރުން ޙިއްޞާގެ ފައިދާ ނެންގެވުމަށް ޙިއްޞާދާރަކު ވަޑައިގަންނަވާއިރު ޙިއްޞާގެ ސެޓްފިކެޓް އާއި އައިޑެންޓިޓީ ކާޑު ގެންނަން ވާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. އަދި ބަދަލުގައި އެހެންފަރާތެއް ފޮނުއްވާނަމަ، އެފަރާތަކާއި ފައިދާ ނެންގެވުމަށް ޙަވާލު ކުރެއްވި ކަމުގެ ސިޓީ އަކާއެކު ވެރިފަރާތުގެ އައިޑެންޓިޓީ ކާޑު ނުވަތަ ކާޑުގެ ފޮޓޯކޮޕީ އަދި ޙިއްޞާގެ ސެޓްފިކެޓް ފޮނުއްވަންވާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ. މިގޮތުން ފައިދާ ނަންގަވަން ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ.ކާޑު ވެސް ގެންނަވަަންވާނެ ކަމަށާއި ޙިއްޞާދާރަކީ ކުޑަ ކުއްޖެއްނަމަ އޭނާގެ ފަރާތުން ސިޓީ ފޮނުއްވާނީ އެ ކުއްޖާގެ ބެލެނިވެރިޔާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެމްޓީސީސީ އިން ބުނީ ބޭންކް އެކައުންޓަށް ޙިއްޞާ ފައިދާ ޖަމަޢަކުރުމަށްްް އެދިވަޑައިގެންފައިވާ ފަރާތްތަކުގެ ޙިއްޞާގެ ފައިސާ، ފައިދާ ދޫކުރަން ފަށާ ތާރީޚުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ޖަމާކޮށް ދެވޭނެ ކަމަށެވެ.

އަދި ޙިއްޞާގެ ފައިދާ ބޭންކަށް ޖަމާކުރެއްވުމަށްް ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން "ބޭންކަށްް ޙިއްޞާގެ ފައިދާ ޖަމާކުރުމަށްްއެދޭ ފޯމް" ފުރުއްވުމަށްްފަހު އައި.ޑީ.ކާޑު. ގެ ކޮޕީ، އަދި ޙިއްޞާގެ ސެޓްފިކެޓްގެ ކޮޕީ އަދި ބޭންކް އެކައުންޓް އެނގޭނެ ލިޔުމެއް އެމްޓީސީސީ އަށް ހުށަހެޅުއްވުމުން އެފަރާތްތަކުގެ ޙިއްޞާގެ ފައިދާވެސް ބޭންކަށް ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި، މި ފޯމް ކުންފުނީގެ ވެބްސައިޓުންނާއި މައި އޮފީހުން ލިބެން ހުންނާނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.

އެމްޓީސީސީ އިން ބުނީ ޙިއްޞާގެ ފައިދާ ދޫކުރަމުން ގެންދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 8.30 ން 3.00 އަށް އެމްޓީސީސީ ހެޑް އޮފީސް، 7 ވަނަ ފަންގިފިލާ، އެމްޓީސީސީ ޓަވަރުން ކަމަށެވެ.