Last Updated: April 23, 12:16
Tuesday, April 23, 2024
ޚަބަރު

ދަރިވަރުންނަށް މިއަދު ޓެބްލެޓް ދޫކުރަން ފަށާނެ

ދަރިވަރުންނަށް ދޭން ނިންމާފައިވާ ޓެބްލެޓްތައް، ބަންދަށް ފަހު މިއަދު އަލުން ސްކޫލްތަކުގެ ކިޔެވުން ފަށާފައިވާ އިރު ބަހަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ޓެބްލެޓްތައް ބެހުމުގައި ބޮޑަށް އިސްކަން ދޭނީ އަތޮޅުތަކަށް ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

ދަރިވަރުންނާއި މުދައްރިސުންނަށް ބަހަން 70،000 ޓެބްލެޓް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގެނެސްފަ އެވެ. މިނިސްޓްރީން ބުނެފައިވާ ގޮތުގައި މީގެ ތެރެއިން 63،000 ޓެބްލެޓް ބެހުމަށް ހަމަޖެހިފައި ވަނީ ދަރިވަރުންނަށެވެ.

ޓީޗަރުންނަށް ބަހަން ނިންމި 8،445 ޓެބްލެޓް ވަނީ ބަހައި ނިންމައިފަ އެވެ.

ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައި ދޭން ފެށުމުން ތަފާތު ތަޖުރިބާތަކެއް ދަރިވަރުންނަށާއި މުދައްރިސުންނަށް ކުރެވިގެން ދާނެ އެވެ.

ޓެބްލެޓްތައް މިއަދު ދަރިވަރުންނަށް ދޫކުރަން ފަށާ އިރު ޓެބްލެޓްތަކުން ވަދެވޭނީ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ސައިޓްތަކަށް އެކަންޏެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއާއި އާ މުގައްރަރު ތަންފީޒު ކުރުމުގެ މަސައްކަތްކޮށް ނިންމުމަށް އަންނަ އަހަރުގެ ބަޖެޓްގައި ވަނީ 154 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.