ދިވެހި ރާއްޖެ އާއި އަވައްޓެރި އިންޑިއާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަމަށް ވަރަށް އަވަހަށް ހައްލެއް ހޯދޭނެކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ އިންޑިއާގެ ދަ ސިޓީޒެން ނޫހުން ބުނީ ދެ ގައުމުގެ ދޭތެރޭގައި އުފެދިފައިވާ މައްސަލަ ފަރުދާގެ ފަރުގަހުން ހައްލު ކުރުމަށް ދެގައުމުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ވަރަށް އަވަހަށް ޑިޕޮލޮމެޓިކް ހައްލެއް ހޯދޭނެކަމަށެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރ އަނބުރާ އިންޑިއާއަށް ފޮނުވާލި މައްސަލައަށް އަލިއަޅުވައި ސަރުކާރުން ބުނީ ހެލިކޮޕްޓަރ ފޮނުވާލީ އޭގެ ބަދަލުގައި ސަވައިލަންސްއަށް ބޭނުން ކުރާނެ ޑޯނިއާ މަރުކާގެ މަތިންދާ ބޯޓެއް ހޯދުމަށްކަމަށެވެ.
ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެފައިވާ އިރު އިންޑިއާގެ ދަ ހިންދޫ ނޫހުން ވަނީ އެގައުމުގެ ރައްޔިތުންނަށް ރާއްޖެއިން ވިުސާ ނުދޭ ކަމަށާއި، އަދި ވިސާގެ ކަންކަން ލަސް ކުރަމުންދާކަމަށް ރިޕޯޓްކޮށްފައެވެ. ނަމަވެސް ސަރުކާރުން ބުނީ އެފަދަ މައްސަލައެއް ނޫޅޭކަމަށެވެ.
މިވާހަކަ ތަކާއި އެކު ރާއްޖެއިންވެސް ވަނީ ދިވެހިންނަށް އިންޑިއާއިން ވިސާ ނުލިބޭކަން ފާހަގަކޮށްފައެވެ. އަދި ދާދި ފަހުން ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު އިންޑިއާގެ ޗެންނާއީއަށް އެތެރެވިޔަ ނުދީ ވަނީ ފޮނުވާލާފައެވެ.