ރިޔާސީ އިންތިހާބަށް އިލެކްޝަން ކަމިޝަނުން (އީސީ) އާއްމު ކުރި ވޯޓާސް ލިސްޓުގައި ހުރި މައްސަލަތަކާއި އެކު މިއަދު އެމްޑީޕީން އިލެކްޝަން ކަމިޝަނާއި ބައްދަލުކޮށްފިއެވެ.
އީސީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އީސީގެ ރައީސް އަހުމަދު ޝަރީފްގެ އިތުރުން ތަރުޖަމާން އަހުމަދު އަކްރަމް އާއި ނައިބު ރައީސް އަމްޖަދު މުސްތަފާ ބައިވެރިވަޑައިގެންނެވިއެވެ. އެމްޑީޕީގެ ފަރާތުން އީސީއަށް ވަޑައިގެންފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން މެނޭޖަރ ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމް އާއި ޕާޓީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒުއެވެ.
އީސީ އާއި އެކު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ ވޯޓާސް ލިސްޓުގައި ހުރި މައްސަލަތަކަށް ވަކިވަކި ފަރުދުން މައްސަލަ ހުށަހަޅަން އޮތް އޮތުން ބަދަލުކޮށް އެފަދަ މައްސަލަތައް ޕާޓީތައް މެދުވެރިކޮށް އިލެކްޝަނަށް ހުށަހެޅުމަށް އެދިފައިވާ ކަމަށެވެ. މީގެ އިތުރުން އާއްމުކުރި ވޯޓާސް ލިސްޓުގައި އައިޑީކާޑު ނަންބަރު ނެތް މައްސަލަވެސް ވަނީ ހުށަހަޅާފައެވެ.
އައިޑީ ކާޑު ނަންބަރު ނެތް މައްސަލަ އާއި ޕާޓީ މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ މައްސަލަ ކަމިޝަންގައި މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމަވާނެކަމަށް އީސީން ވަނީ ބުނެފައެވެ.
އީސީން ވަނީ މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައެވެ.