Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އޭސީސީން ސްޕްރީމް ކޯޓްގެ ހުރުމަތް ކަނޑައިފި: މަހްލޫފް

ފޮޓޯ: މިހާރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިޔަފާރި ކުންފުނި ވިލާ ގުރޫޕުން 1.6 ބިލިއަން ރުފިޔާ ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ސުޕްރީމް ކޯޓްގެ ހުކުމަށް ތަބާނުވެ ކުރަމުންދާ މަސައްކަތަކީ ކަނޑައެޅިގެން ކޯޓްގެ ހުރުމަތް ކަނޑާލުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިހެން ވިދާޅުވީ ތިން ރަށަކާއި ދެ ފަޅަކާ ގުޅޭގޮތުން ވިލާއާއި ސަރުކާރާއި ދެމެދު ހަދާފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކާއި ގުޅިގެން ދައުލަތަށް 110 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެފައިވާކަަމަށް ބުނެ ވިލާގެ އަތުން އެ ފައިސާ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އެންގުމަށް އޭސީސީން ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން ކުރައްވާފައިވާ ޓްވީޓެއްގައެވެ.

އޭސީސީން ކުރަމުންދާ އެ މަސައްކަތަކީ ކަނޑައެޅިގެން ކޯޓްގެ ހުރުމަތް ކެނޑުމުގެ އަމަލެއްކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

ތިން ރަށަކާއި ދެ ފަޅަކާ ގުޅޭގޮތުން ހަދާފައިވާ ސެޓްލްމަންޓް އެއްބަސްވުން ދައުލަތުން އުވާލި މައްސަލާގައި ސުޕްރީމް ކޯޓުގައި އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ކުރިއަށް ގެންދިއަ އަޑުއެހުމުގައި، އެކޯޓުން ވަނީ، ވިލާއަށް ދޫކުރި ރަށްތައް ސަރުކާރުން އަތުލި މައްސަލަގައި ހައިކޯޓުން ވިލާއާއި ދެކޮޅަށްކުރި ހުކުމްތައް ބާތިލްކޮށް،ފައެވެ. އަދި އެ ތަންތަން އަތުލީ ޤާނޫނާއި ޚިލާފަށް ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ. ހައިކޯޓުގެ ނިންމުން ބާތިލްކަމަށް ސްޕްރީމްކޯޓުން ކަނޑައަޅާފައި މިވަނީ، އެރަށްތަކާއި ފަޅުތަކުގެ މައްސަލަ ސިވިލް ކޯޓުން ވިލާއާ އެއްކޮޅަށް ނިންމާފައި ވަނިކޮށް، ހައިކޯޓުން 2015 ވަނަ އަހަރު ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް ވިލާއާ ދެކޮޅަށް މައްސަލަތައް ނިންމާފައިވަނިކޮށެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ނިންމާފައި ވަނިކޮށް އޭސީސީން ވަނީ އެ އެއްބަސްވުންތައް ހެދީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އޭރުގެ ޓްއަރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ނާޖާއިޒް ފައިދާ ލިބޭގޮތަށްކަމަށާ އެ އެއްބަސްވުންތަކުގެ ސަބަބުން 110 މިލިއަން ޑޮލަރު ދައުލަތަށް ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން އެ ފައިސާތައް ހޯދުމަށާއި، އަދީބުގެ މައްޗަށް ދައުވާކުރުމަށް ފޮނުވުމަށް އޭސީސީން ވަނީ ނިންމާފައެވެ.

މަހްލޫފް މިފަދައިން ވިދާޅުވެފައިވާ އިރު އެބޭފުޅާގެ އިތުރުން އިދިކޮޅު އެތައް ބޭފުޅުންނެއް ދަނީ އޭސީސީގެ ނިންމުން ތަކާމެދު ސުވާލު އުފައްދަމުންނެވެ.