Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

"އަދީބަށް ސްޕެޝަލް ޕްރޮޓެކްޝަން ދެވޭކަތް ނެތް"

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ސްޕެޝަލް ޕްރޮޓެކްޝަން ފޯރުކޮށްދެވެން ނެތްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އާއިލާއަށް އަންގައިފިއެވެ.

މިމަހުގެ 11 ވަނަ ދުވަހު ކަރެކްޝަނަށް އަދީބުގެ އަނބިކަނބަލުން މަރްޔަމް ނަޝްވާ ފޮނުވި ސިޓީއަކާއި ގުޅިގެން ސްޕެޝަލް ޕްރޮޓެކްޝަން އަދީބަށް ހަމަޖައްސައިދެވެން ނެތްކަމަށް ކަރެކްޝަނުން ވަނީ އާއިލާއަށް އަންގާފައެވެ.

ކަރެކްޝަނުން އެގޮތަށް އަންގާފައިވާ ސިޓީ ނަޝްވާ ވަނީ އޭނާގެ ޓްވިޓާގައި އާންމުކޮށްފައެވެ.

ކަރެކްޝަނުން ނަޝްވާއަށް މިއަދު ފޮނުވާފައިވާ ސިޓީ އޭނާ ޓްވީޓާ މެދުވެރިކޮށް އާއްމުކޮށްފައިވާއިރު އެސިޓީގައި ބުނީ، އަދީބަކީ ސްޕެޝަލް ޕްރޮޓެކްޝަން ދޭންޖެހޭ ކަމަށް ކަނޑައަޅާފައިވާ ނުވާ ފަރާތަކަށްވާތީ އެފުރުސަތު ދެވެން ނެތް ކަމަށެވެ. އަދި އެހެން ގައިދީންނެކޭ އެއްފަދައިން އަދީބަށް ވެސް ލިބޭނީ މަހަކު އެއް އާއިލީ ބައްދަލުވުން ކަމަށް އެސީޓީގައި ބުނެފައިވެއެވެ.

ނަމަވެސް ކުރިން އަދީބަށް ސްޕެޝަލް ޕްރޮޓެކްޝަން ހަމަޖައްސާ ދީފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ގައިދީންނަށް ސްޕެޝަލް ޕްރޮޓެކްޝަން ދެނީ އެ ގައިދީންނާ ބެހޭ ގޮތުން ކަރެކްޝަނުން ހަދާ އެސެސްމެންޓަކަށްފަހުއެވެ. ކަރެކްޝަންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އަދީބަށް ކުރިން ސްޕެޝަލް ޕްރޮޓެކްޝަން ދިން ކަމަށާއި ސްޕެޝަލް ޕްރޮޓެކްޝަން ހުއްޓާލީ އެސެސްމެންޓު ރިވިއު ކުރުމަށްފަހު ކަމަށެވެ.

ތަފާތު ތިން މައްސަލައެއްގައި ޖުމުލަ 33 އަހަރުގެ ޖަލު ހުކުމް އަދީބަށް ވަނީ އިއްވާފައެވެ.