Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

އަމީތު، އިންތި، ފައިސަލް އަދި ނަޒީރުގެ ޕާސްޕޯޓް ދޫކޮށްލައިފި

ގުޅިފައިވާ ޕާޓީތަކުން މާރިޗު މަހުގެ 16 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ : މުރުޝިދް އަބްދުލް ހަކީީމް

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި، ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަޗީމްގެ އިތުރުން އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މުޤައްރިރު އަލީ ނަޒީރުގެ ޕާސްޕޯޓް ދޫކޮށްލައިފި އެވެ.

މީގެ ތިންމަސް ދުވަސް ކުރިން އެ ހަތަރު ބޭފުޅުންގެ ޕާސްޕޯޓް ކޯޓް އަމުރެއްގެ ދަށުން ހިފާއްޓާފައި އޮތުމަށްފަހު މިއަދު ދޫކޮށްލީ ފުލުހުން ދައުވާކޮށްދިނުމަށް އެދުނު މައްސަލާގައި އެ ބޭފުޅުންގެ މައްޗަށް ދައުވާނުކުރުމަށް ނިންމައި، މައްސަލަތައް ފައިލްކުރުމާއި ގުޅިގެންނެވެ.

ހަތަރު ބޭފުޅުންގެ މައްޗަށް ވެސް ތުހުމަތުކުރަނީ މާރޗު މަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާ ކުރަން ހިތްވަރު ދެއްވި ކަމަށެވެ.

މެމްބަރު އަމީތުގެ ކާފަ ދާދި ފަހުން ސްރީލަންކާގައި ނިޔާވެފައިވާ އިރު އަމިތުގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތުމުން ކާފަގެ ޖަނާޒާގައި ބައިވެރިވެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުގެ ސަބަބުން މެމްބަރު ފައިސަލްއަށް ލޮލުގެ ފަރުވާއަށްވެސް ރާއްޖެއިން ބޭރަށް ވަޑައިގެންނެވޭގޮތް ވެފައިނުވެ އެވެ.