ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ކުރާ ޝަހުސު އޮޅުވާލުމުގެ ދައުވާގައި ފާރިސްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހުށައެޅުއްވި ބޭފުޅުންގެ ތެރެއިން، ދައުލަތުގެ އިސްވެރިންގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުން މިއަދު ހެކިބަހަށް ކޯޓަށް ވަޑައެއްނުގެންނެވި އެވެ.
ކޯޓަށް ވަޑައިނުގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި ބަންޑާރަނައިބު މުހައްމަދު އަނިލާއި ޕީޖީ އައިޝަތު ބިޝާމާއި އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް ޖިހާދާ އަނީސް ހިމެނިވަޑައިގަންނަވައެވެ. އެބޭފުޅުންނަށް ޗިޓް ހަވާލު ކުރެވިފައި ނުވާ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.
ބައެއް ފަރާތްތަކުން ކޯޓަށް ހާޒިރުވެވަޑައިގެންނެވުމަށް އުޒުރުވެރިވެ ކޯޓަށް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމްގެ ސެކެޓްރީ ޖެނަރަލް ޑރ އަބްދުﷲ ހަލީލް އާއި މެންބަރު އަސްމާ ރަޝީދާއި ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކާއި ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒުއެވެ.
މިމައްސަލައިގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާއާއި ރިޝްވަތުގެ ދައުވާއާއި ސަރުކާރު ވައްޓާލަން އުޅުމުގެ ދައުވާއާއި އިތުރު ދައުވާތަކެއްވެސް ފާރިސްގެ މައްޗަށް މިހާރުވަނީ ކޮށްފައެވެ.
ފާރިސްގެ ބައްޕާފުޅު ރައީސް މައުމޫން ވެސް ވަނީ އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުވެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށް މާފުށީ ޖަލަށް ބަދަލުކޮށްފައެވެ.